ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަމަލާއެއް ދޭން އުޅޭކަމަށް ތުހުމަތު ކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ލަބީބް ވިދާޅުވީ މިހާރު ވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށާއި މަޖިލީހުގެ އެތައް މެމްބަރުންތަކަކަށް ނުރައްކާ އެބައޮތް ކަމަށެވެ.
"އެ ބޭފުޅުންނަށް ފާރަލާ. ދިރިއުޅޭ ތަންތަން ބަލާ ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތު އެބަކުރެވޭ،" އިލްޔާސް ވިދާޅުވި އެވެ.
އެހެންނަމަވެސް މި މައުލޫމާތު ލިބުނީ ކޮންގޮތަކުން ކަމެއް އަދި މީގެ ތަފްސީލެއް އިލްޔާސް ހާމަކުރައްވާފައެއް ނުވެ އެވެ.
އިލްޔާސް ވިދާޅުވީ މިކަހަލަ ކަންކަން ކުރާމީހުންނަކީ ކޮބައިތޯ ބަލާ އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދެވިގެން ނޫނީ އެއްވެސް ރައްޔިތަކަށް ހަމަޖެހިލައިގެން އުޅެވެން ނެތް ކަމަށެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ގޮތް ނޭނގޭ އެތައް މަރެއް އަދި އެތައް ހަމަލާއެއް ދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ޑރ. އަފްރާޝިމް އަލީ، ނޫސްވެރިޔާ ރިޟްވާން އަބްދުﷲ އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ވެސް އަލިއަޅުވާލައްވާ ވާހަކަދެއްކެވި އެވެ. އެގޮތުން ރައީސް ނަޝީދަށް އެމަނިކުފާނުގެ ގާނޫނީ ޒިންމާ އަދާކުރެއްވުމަށް ރާއްޖެވަޑައިނުގެންނެވުމަކީ އެމަނިކުފާނުގެ އާއިލާއާއި އެންމެންވެސް ކަންބޮޑުވާ ކަމެއްކަން ފާހަގަކުރެއްވި އެވެ.
ރައީސް ނަޝީދަށް މެއި މަހުގެ ހަވަނަ ދުވަހު ދެވުނު ހަމަލާގެ ކުރިން އެމަނިކުފާނަށް ޙަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާކަން އިލްޔާސްވަނީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި ހިއްސާ ކުރައްވާފަ އެވެ. ނަމަވެސް މާރިޔާ ފަހުން ވިދާޅުވެފައި ވަނީ އެ ވާހަކަ ފުލުހުންނާއި އަދި އިންޓެލިޖެންސާއި ހިއްސާ ނުކުރެއްވީ އެއީ މައުލޫމާތު ކަމަށް ނުބެލެވޭތީ ކަމަށެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅޭ ތަހުގިގު ފުރިހަމަކުރެވި އޭގެ އަޑީގައި ތިބި ބަޔަކު ނުހޯދެނީސް ރާއްޖެވަޑައިގެންނެވެން ނެތްކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފަ އެވެ.