ކާބުލް (16 އޮގަސްޓް) - އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދު ވަނީ އަސްކަރީ ބޭނުންތަކަށް ދޫކުރެވިފައި ކަމަށާއި އެއާލައިންތަކުން މި ސަރަހައްދު ބޭނުންކުރުން ހުއްޓާލުމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެއާލައިންތަކަށް އަންގައިފި އެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ބިމަށް ވެރިވެގަންފައިވާ ދަނޑިވަޅެއްގައި އެގައުމުގެ ވައިގެ ސަރަހައްދު ދޫކުރެވުނީ ކޮން އަސްކަރިއްޔާއަކަށް ކަމެއް އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.

މި އެންގުމާއެކު ގިނަ އެއާލައިންތަކަކަށް ވަނީ އެ އެއާލައިންތަކުގެ އުުދުހުންތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފަ އެވެ. އެގޮތުން އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުން ހުއްޓާލި އެއާލައިންތަކުގެ ތެރޭގައި ގަތަރު އެއާވޭސް، ސިންގަޕޯ އެއާލައިންސް އަދި އެއާ ފްރާންސް ހިމެނެ އެވެ.

އަފްޣާނިސްތާނުގެ ސިވިލް އޭވިއަޝުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު އަސްކަރިއްޔާއަށް ދޫކުރެވިފައި ވާތީ އެ ސަރަހައްދުން ދަތުރުކުރާ ފްލައިޓްތަކަށް ގްރައުންޑް ސަޕޯޓު ނުދެވޭނެ ކަމަށެވެ.

މިކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ޔޫރަފާއި އޭޝިއާއާ ދެމެދު ކުރާ ދަތުރުފަތުރަށް ކަމަށް މާހިރުން ލަފާކުރެ އެވެ.

ތާލިބާނުން އަފްޣާނިސްތާނުގައި ބާރު ހިންގަން ފެށުމާއަކު ގިނަ އެއާލައިންތަކަކުން ވަނީ އެގައުމުގެ ވެރިރަށް ކާބުލްއަށް ކުރަމުން އައި ދަތުރުތައް ކެންސަލް ކޮށްފަ އެވެ. އޭގެ ތެރޭގައި އެމިރޭޓްސްއާއި ފްލައިދުބާއީ ހިމެނެ އެވެ. -- ރޮއިޓާސް