ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އަނެއްކާ ވެސް އުނިކުރުމުން އެ ސިޓީއަށް ދަތުރުކުރާ ދިވެހިން ކަރަންޓީން ވާން ޖެހޭ ގޮތަށް ނިންމައިފި އެވެ.

ކޮވިޑް -19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކަރަންޓީނާ ނުލާ އެ ގައުމަށް ދަތުރުކުރެވޭ ގައުމުތަކުގެ ގްރީން ލިސްޓަށް ރާއްޖެ އިތުރުކުރީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅެވެ. އެ ނިންމުމާއެކު މާދަމާއިން ފެށިގެން އަބޫދާބީއަށް ދަތުރުކުރާ ހުރިހާ ދިވެހިން ކަރަންޓީނު ވާން ޖެހޭނެ އެވެ.

އެ ސިޓީއަށް ދަތުރުކުރާ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީނު ވާން ޖެހޭނީ ހަތް ދުވަހަށެވެ. ވެކްސިން ފުރިހަމަ ނުކުރާ ދަތުރުވެރިން ކަރަންޓީނު ވާން ޖެހޭނީ 10 ދުވަހަށެވެ.

އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އަނެއްކާ ވެސް އުނިކުރިއިރު، އެމެރިކާ އާއި އޮސްޓްރިއާ އިޒްރޭލް ފަދަ ގައުމުތައް ވެސް އެ ލިސްޓުން އުނިކޮށްފައިވެ އެވެ. އެ ސިޓީގެ ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ޖަރުމަނު، ހަންގޭރީ، ޗައިނާ، މޮރިޝަސް، މޯލްޓާ، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، ސީޝެލްސް ހިމެނެ އެވެ. މި ގައުމުތަކުން އަބޫދާބީ އަށް ދަތުރުކުރާ މީހުން ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.

ގްރީން ލިސްޓުގައި ރާއްޖެ ހިމެނިތާ މަހެއްހާ ދުވަހުގެ ތެރޭގައި އެ ލިސްޓުން ރާއްޖެ އުނިކުރީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

ކޮވިޑް -19 އާ ގުޅިގެން ބައެއް ގައުމުތައް ނުހުޅުވާތީ ބޭސް ފަރުވާއަށާއި ޗުއްޓީ ހޭދަކޮށްލުމަށް މިއަހަރުގެ ސްކޫލް ބާންދާ ދިމާކޮށް ރެކޯޑް އަދަކަށް ދިވެހިން އެ ގައުމުގެ ވިޔަފާރީގެ މަރުކަޒީ ރަށް ދުބާއީއަށް ދަތުރުކޮށްފައިވެ އެވެ.