ކާބުލް (19 އޮގަސްޓް) - އަފްޣާނިސްތާނުގެ ސަރުކާރު ވައްޓާލައި ތާލިބާނުން އެ ގައުމުގެ ވެރިކަމަށް އަތްގަދަކުރުމާއެކު ދުނިޔޭގެ އެކި ސަރަހައްދުތަކަށް އެކަމުގެ ސަބަބުންކުރާނެ އަސަރުތަކާ މެދު މާހިރުން އަންނަނީ ބަހުސް ކުރަމުންނެވެ.

މީގެ ތެރެއިން މުހިއްމު އެއް މައުލޫއަކީ އަފްޣާނިސްތާނުގެ މައުދަންގެ ސިނާއަތެވެ. ފާއިތުވި އަހަރުތަކުގައި މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާ މި ސިނާއްތަށް ތާލިބާނުންގެ ވެރިކަމުގައި އޮތީ ކޮން ނަސީބެއްތޯ މަސްރަހް ދިރާސާކުރާ ފަރާތްތަކުން އަންނަނީ ސުވާާލު އުފައްދަމުންނެވެ.

އަފްޣާނިސްތާނަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ނަމަވެސް އެ ގައުމަށް ލިބިފައިވާ މައުދަންގެ މުއްސަނދިކަމަކީ އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފި ނަމަ، އެ ގައުމުގެ އިގްތިސާދުގެ މައިނާރަށް ވެގެންދާނެ ކަމެކެވެ.

ސައިންސްވެރިންނާއި މާހިރުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ ބިމުއަޑީގައި އެއް ޓްރިލިއަން ޑޮލަރަށް އަގުހުރި މައުދަން ފޮރުވިފައި އެބަހުއްޓެވެ. މީގެ ތެރޭގައި ދަގަނޑާއި ލޯ އަދި ރަނުގެ އިތުރުން ބެޓެރި ޗާޖުކުރަން ބޭނުންކުރާ ލިތިއަމް ހިމެނެ އެވެ.

އުމްރާނީ ތަރައްގީ ނެތުމާއި ސަލާމަތީ ސަބަބުތަކާހުރެ މިއަދާ ހަމައަށް ވެސް އަފްޣާނިސްތާނަށް ލިބިފައިވާ މައުދަންގެ މުއްސަނދިކަން އެންމެ އެދެވޭ ގޮތުގައި ބޭނުންކުރެވިފައި ނުވާއިރު، ތާލިބާނުންގެ ވެރިކަމުގައި އެ ގައުމުގެ މައިނިންގްގެ ސިނާއަތް ކުރިއެރުވުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މާހިރުން ދެކެ އެވެ.

މިވަގުތު އަފްޣާނިސްތާނުގެ މައުދަންގެ ސިނާއަތުގެ އަގަކީ އެންމެ އެއް ބިލިއަނެވެ. ނަމަވެސް އިލެކްޓްރިކް ކާރު ފަދަ ވެހިކަލްތެއް ތައާރަފްވެ، ހަކަތައިގެ ގޮތުގައި އެ ވެހިކަލްތެއް ބޭނުންކުރާ ލިތުއަމްއަށް އޮތް ޑިމާންޑް އިތުރުވުމަކީ އަފްޣާނިސްތާނުގެ އިގްތިސާދު ހިންގައިގަތުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

އަފްޣާނިސްތާނަށް ލިބިފައިވާ މައުދަންގެ މުއްސަނދިކަމަކީ އެ ގައުމުގެ އިގްތިސާދާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އޮތް ވަރުގަދަ ރައުސުލްމާލަކަށް ވީއިރު އެންމެ އެދެވޭ ގޮތުގައި މި ރައުސުލްމާލުގެ ބޭނުން ހިފުމަކީ އަފްޣާނިސްތާނުގެ ހާލަތު ރަނގަޅުވުމަށް އޮތް މަގު ކަމަށް އިގްތިސާދީ މާހިރުން ބުނެ އެވެ. -- ސީއެންއެން