ކޮވިޑް 19ގެ ލޮކްޑައުން ތެރޭގައި ބަރުދަން އިތުރުވި ވާހަކައަކީ މިހާރަކަށް އައިސް ވަރަށް ގިނައިން އިވޭ ވާހަކަ އެކެވެ. ގޭގައި އެއްވެސް ކަމެއް ނެތި އިންނަން ޖެހުމުން ހަށިގަނޑަށް އައި ބަދަލު ގިނަ ބަޔަކަށް ފާހަގަވި އެވެ.

ލޮކްޑައުން އުވާލެވި އާ އާއްމު ހާލަތަކަށް އަހަރުމެން މިސްރާބު ޖަހާފައިވާއިރު ހަށިގަނޑަށް އިތުރުވި ކިލޯތައް ހިއްކާލަން ވެސް ބޭނުންވާނެ ކަން ޔަގީނެވެ. އޮތް އުފާވެރި ހަބަރަކީ މިކަމަށް ކުރެވިދާނެ ވަރަށް ފަސޭހަ ކަންކަން އެބަހުރި ކަމެވެ.

އެއްވެސް ނާސްތާއެއް ދޫނުކުރުން

އާ އާއްމު ހާލަތަށް ރުޖޫއަވެ ދިރިއުޅުން އިހުނަށް ވުރެ ބުރަ ވި ނަމަވެސް ދުވާލުގެ އެއްވެސް ނާސްތާއެއް ދޫކޮށްލައިގެން ނުވާނެ އެވެ. ހާއްސަކޮށް ހެނދުނުގެ ނާސްތާއަކީ ބަރުދަން ލުއިކުރަން ބޭނުން ނަމަ ވަރަށް މުހިއްމު ނާސްތާ އެކެވެ.

ހެލިފެލިވެ އުޅުން

ފުރުސަތު ލިބިފައި އޮތުމާއެކު ހަރަކާތްތެރިވެ ކަސްރަތު ކުރުމަކީ ހަށިގަނޑަށް އިތުރުވި ބަރުދަން ލުއިކޮށްލަން ވަރަށް ފަސޭހަ ގޮތެކެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ސައިކަލު ބޭނުންކުރުމުގެ ބަދަލުގައި ހިނގާފައި އުޅުމަކީ ވެސް އެކަމުން ފައިދާ ކުރާނެ ކަމެކެވެ.

ސްޓްރެސް މަދުކުރުން

ކޮވިޑް 19ގެ ހާލަތަކީ އަހަރުމެން އެންމެންނަށް ވެސް ނަފްސާނީ ގޮތުން ގިނަ އަސަރު ތަކެއް ކުރި ދުވަސް ވަރެކެވެ. މިއަދުގެ ހާލަތަށް ބަލާއިރު ކޮވިޑްގެ ހާލަތު ރަނގަޅުވެފައި ވާތީ ސްޓްރެސް އާއި އެންޒައިޓީއަށް ފަރުވާވެ ތިބުމަކީ ކުރެވިދާނެ ކަމެކެވެ. އެއީ މި ދެކަމަކީ ބަރުދަން އިތުރުވުމަށް މެދުވެރިވާ ހޯމޯންސް ހަށިގަނޑުގައި އިތުރުކޮށްދޭ ކަމަކަށް ވާތީ އެވެ.