ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް 112،000 ޑޯޒްގެ އެސްޓްރާޒެނެކާ ކޮވިޑް-19 ވެކްސިން މިއަދު ހަދިޔާކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ވެކްސިން ހަދިޔާކޮށްފައިވަނީ ޖަޕާންގެ "ލާސްޓް ވަން މައިލް ސަޕޯޓް"ގެ ދަށުންނެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވަނީ ޖަޕާން ސަރުކާރުން ވެދެއްވި ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވެކްސިންގެ އިތުރުން، ކޮވިޑް-19ގެ ބަލިމަޑުކަމުގައި މެޑިކަލް އިކުއިޕްމަންޓް އާއި މެޑިކަލް ސަޕްލައިގެ އިތުރުން ޖަޕާން ސަރުކާރުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ އެހެނިހެން ދީލަތި އެހީތަކަށް މިނިސްޓަރު ނަސީމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ޖަޕާނުން މި ފޯރުކޮށްދިން ވެކްސިންއާއެކު، ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް އިތުރަށް ފަސޭހަ ވެގެންދާނެކަން ވެސް މިނިސްޓަރު ނަސީމް ފާހަގަކުރެއްވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ރާއްޖެއަށް ބޭނުމެއް ޖެހިއްޖެ ކޮންމެ ހިނދެއްގައި ވެސް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެ ކަމަނާ ދެއްވި އެވެ.
މިއަދު ރާއްޖެއަށް ލިބުނު ވެކްސިން ޝިޕްމަންޓަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބުނު ވެކްސިންގެ ހަތަރުވަނަ ޝިޕްމަންޓެވެ.
ކޮވެކްސްގެ ދަށުން މި އޮގަސްޓްމަހުގެ ކުރީކޮޅު އެމެރިކާއިން ފޯރުކޮށްދިން 128،700 ޑޯޒްގެ ފައިޒާ ވެކްސިން ލިބި، މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ.
ޖަޕާނުން ހަދިޔާކުރި ވެކްސިން ދސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު، އދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު ކެތެރިން ހެސްވެލް، ޔުނިސެފް ކަންޓްރީ ރެޕްރެޒެންޓޭޓިވް މަރްޖާން މޮންތަޒޭމީގެ އިތުރުން ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ޑަބްލިޔުއެޗްއޯ، އެމްއެންޑީއެފް އަދި މާލޭގައި ހުންނަ ޖަޕާން އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.