ޖަކާޓާ (23 އޮގަސްޓް) - މަލްޓި މިލިއަން ކޮވިޑް ކޮރަޕްޝަންގެ މައްސަލައެއްގައި އިންޑޮނޭޝިއާގެ ކުރީގެ ސޯޝަލް އެފެއާޒް މިނިސްޓަރު ޖޫލިއަރީ ބަތުބަރާ 12 އަހަރަށް ޖަލަން ލާން ހުކުމް ކޮށްފި އެވެ.
ޖަކާޓާ ކޮރަޕްޝަން ކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައި ވަނީ އެ ގައުމުގެ ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ކެމްޕެއިންގައި ބޭނުން ކުރުމަށް ގެނައި 32.4 ބިލިއަން ރުޕިއާ (3.04 ބިލިއަން ޑޮލަރު)ގެ މުދާ ބާރުގެ ބޭނުންކޮށް އަމިއްލަ މަންފާ ހޯދަން ބޭނުންކޮށްފައިވާ ކަން ސާބިތުވެފައިވާ ކަމަށެވެ.
ޖުމްލަ 12 އަހަރަށް ޖަލަށް ލުމުގެ އިތުރުން ކޯޓުން ވަނީ 500 މިލިއަން ރުޕިއާއިން ޖޫރިމަނާ ކޮށް އޭނާ ޚިޔާނާތްތެރިވި 14.5 ބިލިއަން ރުޕިއާއާއެކު ދައުލަތަށް ދައްކާ ޚަލާސްކުރުމަށް އަމުރު ކޮށްފަ އެވެ. އެއާއެކު އޭނާގެ ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު ވެސް ސަރުކާރުގެ ވަޒީފާތަކުން ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް އޭނާ ވަނީ އެކަހެރި ކޮށްފަ އެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ޖޫލިއަރީ އިންކާރު ކުރާއިރު އޭނާގެ ވަކީލުންގެ ޓީމުން ބުނެފައި ވަނީ މި ހުކުމަކީ ކުށާ ނުބައްދަލު ހަރުކަށި ހުކުމެއް ކަމަށާއި މައްސަލަ އިސްތިއުނާފުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
އިންޑޮނޭޝިއާގެ އެންޓި ގްރާފްޓް ކޮމިޝަނުން ޖޫލިއަރީ އާއި އިތުރު ހަތަރު މީހެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އޭރު ކުރިއަށް ދިޔަ ތަހުގީގުތަކުގައި ކޮރަޕްޝަން އޮފިސަރުންނަށް ވަނީ ފޮށިތަކުގަ އާއި އެހެނިހެން ގޮތްގޮތަށް ފޮރުވަން މަސައްކަތް ކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ހޯދާފަ އެވެ. އޭގެ އެއް ދުވަސް ފަހުން ޖޫލިއަރީ ވަނީ އޭނާގެ މަގާމުން އިސްތިއުފާ ދީފަ އެވެ. – ސްޓްރެއިޓްސް ޓައިމްސް