ތެލް އަވީވް (23 އޮގަސްޓް) - އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމުން ލިބޭ ރައްކާތެރިކަން އެ ވެކްސިން ދެ ޑޯޒު ފުރިހަމަކުރުމުން ލިބޭ ރައްކާތެރިކަމަށް ވުރެ ހަތަރު ގުނަ އިތުރު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިޒްރޭލުގެ ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުން ފައިޒާ ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމަށްފަހު 10 ދުވަސް ވުމުން ކޮވިޑް ޖެހި އެ ބަލީގައި ހާލު ބޮޑުވުމުގެ ފުރުސަތު ވަރަށް ކުޑަކޮށްދެ އެވެ.

އިޒްރޭލުގައި ކޮވިޑް ކޭސްތައް ރެކޯޑްކުރެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން މިދިޔަ މަހުގެ ތެރޭގައި އެ ގައުމުން ވަނީ 60 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒްތައް ދިނުމުގެ ހުއްދަ ދޭން ފަށައިފަ އެވެ.

ދުނިޔޭގެ ފަގީރު ގައުމުތަކަށް އެކަށީގެންވާ ވަރަށް ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މުއްސަނދި ގައުމުތަކުން ވެކްސިން ހަދިޔާކުރުމުގެ ބަދަލުގައި ބޫސްޓާ ޝޮޓްސް ދޭން ނިންމާފައި ވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިޒްރޭލަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް އާބާދީގެ ބޮޑު ހިއްސާއަކަށް ވެކްސިން ދީފައިވާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. -- ވޮޝިންޓަން ޕޯސްޓް