ބަރުދަން ލުއިކުރަން ކިތަންމެ މަސައްކަތެއް ކުރިއަސް އެދެވޭ ނަތީޖާއެއް ނުލިބޭ ފަހަރު އާދެ އެވެ. މިއީ ހިތްވަރު އެލޭ ކަމެއް ނަމަވެސް ގަބޫލުކުރަން ޖެހޭ ކަމަކީ ނަތީޖާ ނުފެންނަނީ އަހަރުމެންނަށް ހެދޭ ބައެއް ގޯސްތަކަކުން ކަމަށް ވެދާނެ ކަމެވެ.

މި ލިޔުމުގައި މި ބަލާލަނީ ބަރުދަން ލުއިކުރަން އުނދަގޫކުރުވާ ދިރިއުޅުމުގެ ބައެއް އާދަތަކާއި ސިއްހީ ބައެއް މައްސަލަތަކަށެވެ.

"ޗީޓް ޑޭސް"ގެ އާދަތައް

ޗީޓް ޑޭސްއަކީ ޑައިޓުންނާއި ކަސްރަތުން މެދުކެނޑުމެއް ނަގައި ހިތްއެދޭ ކެއުންތަކާއި ބުއިންތައް ބުއިން ހުއްދަ ކުރާ ދުވަސްތަކެކެވެ. ނަމަވެސް މި ދުވަސްތަކުގައި ވެސް މާ ގިނައިން ސިއްހަތަށް ގެއްލުންހުރި ކާނާ ކައި، ނުރަނގަޅު އާދަތައް ގެންގުޅެވޭ ނަމަ ހަފްތާގެ ބާކީ ހުރި ދުވަސްތަކުގައި ކުރި މަސައްކަތުގެ އަސަރުކުޑަވާނެ އެވެ.

ހަރަކާތްތެރިވެ އުޅުން މަދުވުން

ކިތަންމެ ކުޑަކޮށް ހަރަކާތްތެރިވެ އުޅެން ލިބުނުކަމުގައި ވިޔަސް އެ ފުރުސަތު ދޫކޮށް ނުލާށެވެ. ދުއްވާ އެއްޗެހީގައި އަބަދު އުޅުމުގެ ބަދަލުގައި ހަފްތާއަކު އެއްދުވަހު ނަމަވެސް ހިނގާފައި އުޅެން އާދަ ކުރާށެވެ. މި ގޮތުގެ މަތިން ދިރިއުޅުމުގައި ކުރެވޭ އެންމެ އާދައިގެ ކަންކަމުން ވެސް ހަށިގަނޑަށް ކަސްރަތު ލިބި ބަރުދަން ލުއިވުން އަވަސް ވާނެ އެވެ.

ހޯމޯންގެ މައްސަލަތައް

ޕީސީއޯއެސް ފަދަ ހޯމޯނަލް ބަލިތަކަކީ ބަރުދަން ލުއިކުރުމުގައި ގިނަ އުނދަގޫތަކެއް ކުރިމަތި ކުރުވާނެ ބަލިތަކެކެވެ. މިފަދަ ބައްޔަކަށް ބޭސްފަރުވާ ކުރަމުންދާ ނަމަ ބަރުދަން ލުއި ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.