އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަ ބޭނުންތަކުގައި އެޕާޓީގެ ހަރުގެ ބޭނުންކުރާ ކަމުގެ ތުހުމަތު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވުމުން އެކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ނުރުހުން ފާޅުކުރައްވައިފި އެވެ.

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްނަންގަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ގޮވާލައި ތައްޔާރުކުރަމުންދާ ޕެޓިޝަނަކީ އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ގިނަބަޔަކަށް ހީވެފައިވަނީ އެ ޕާޓީގެ ރަސްމީ ޓުވިޓާ އެކައުންޓުން ޕެޓިޝަންގައި ސޮއިކުރުމަށް އަންގާތީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ވައްޑެ ވިދާޅުވީ ރޮޒައިނާމެން ޑީއާރުޕީގައި އުޅުއްވިއިރު ޑީއާރުޕީގެ ހަރުގެ ހިންގި ގޮތާއި އެމްޑީޕީގެ ހަރުގެ ހިންގި ގޮތާ ވަރަށް ތަފާތުވާނެ ކަމަށެވެ.

"އެމްޑީޕީ ހަރުގެ ހިންގާ ގޮތާއި ޑީއާރުޕީ ހަރުގެ ސިނަމާލެ ދެ އެޕާޓްމެންޓް އެއްކޮށްގެން ރޮޒޭމެން ހިންގެވި ގޮތާ ވަރަށް ތަފާތުވާނެ. އެމްޑީޕީ ހަރުގެއަކީ އާއްމު މެމްބަރުންގެ ހަރަކާތްތަކަށް ހަދާފައި ހުންނަ ތަނެއް." މެމްބަރު ވަހީދު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެމްޑީޕީއަކުން ނޫން ކަމަށް ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެފަ އެވެ.

ހަސަން ވިދާޅުވީ އެމްޑީޕީން އެންޑޯޒް ކޮށްގެން ކުރާނަމަ އެއަށްވުރެ ސާފުކޮށް، އެއަށްވުރެ ރަނގަޅަށް އެކަން ކުރާނެ ކަމަށާއި، އެހެންކަމުން އެއީ އެއްގޮތަކަށް ވެސް އެމްޑީޕީގެ މެމްބަރުން ކުރާ ކަމެއް ނޫން ކަމަށެވެ.

އެކަން ކުރަމުންދަނީ އެމްޑީޕީގެ މެމްބަރުން ނޫންކަން ސާފުކޮށްދެއްވީތީ އެޕާޓީގެ ޗެއާޕާޝަން ހަސަނަށް ޝުކުރު އަދާކުރައްވަމުން މެމްބަރު ރޮޒެއިނާ ވިދާޅުވީ ބައެއް މީހުންނަށް އެކަން އޮޅޭ ގޮތްވަނީ ބަޔަކު ތަނަކު ކުރާ އަމިއްލަ ކަމެއްގައި ބައިވެރިވާން އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން އަންގާތީ ކަމަށް ވެދާނެ ކަމަށެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގޮވާލަމުން އަންނައިރު ރައީސް ސޯލިހު މިކަމާ ގުޅޭގޮތުން މީގެ ކުރިން ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ނިންމުމަކީ ރައްޔިތުން މީގެ ކުރިން ނިންމާފައިވާ ނިންމުމެއް ކަމަށާއި، ދެންވެސް އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނަމަ ނިންމަން ޖެހޭނީ ރައްޔިތުން ކަމަށެވެ.

އެމްޑީޕީގެ ބަރުލަމާނީ ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ބާއްވަން ނިންމާފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ މަނިކުފާނުގެ ތާއީދު އޮންނާނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް ކަމަށް ނަޝީދު ވިދާޅުވެފަ އެވެ.