ގައުމުގެ ވެރިކަންކުރާ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ކަމެއް ނޫނެވެ. އެއީ އެންމެންގެ ކަމެކެވެ.
ގަބޫލު ކުރަން ވަރަށް ފަސޭހަ ވާހަކައެކެވެ. އެ ވާހަކަޔަށް ބާރު ލިބޭ ގޮތަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް މިވަނީ ވާހަކަ ދައްކަވައިފަ އެވެ.
އޭނާ ވެސް ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ކަންތައް ކުރިޔަށް ގެންގޮސް ދެއްވުމަށް އެދި ރައީސަށް އަރުވަން ތައްޔާރުކުރަމުން ގެންދާ ޕެޓިޝަނަކީ ފަހަރެއްގައި ވެސް އެމްޑީޕީގެ ކަމެއް ނޫންކަމަށެވެ. މިވާހަކަ މިގޮތަށް ސާފުކޮށް ދެއްވަން ހަސަން ލަތީފަށް ޖެހިވަޑައިގެންނެވީ އެމްޑީޕީގެ ރައީސާއި ޕާޓީގެ އިސް ވެރިން އިސް ނަންގަވައިގެން ހިންގަވާ މިހަރަކާތަކީ އެމްޑީޕީގެ އެއްވެސް ގުނަވަނަކުން ފާސްކޮށް ނުވަތަ ނިންމައިފައިވާ ކަމަކަށް ނުވާތީ އެއީ ޕާޓީން ކުރާކަމެއް ނޫން ކަން ދެއްކުމުގެ ގޮތުންނެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ހިންގުން ބަދަލުކުރުމަކީ ވެސް، އެކަމަށް ބޭނުންވާ މަގު ސާފުކުރުމަށްޓަކައި ހުށަހަޅަން މަސައްކަތް ކުރާ ޕެޓިޝަނަކީ ވެސް ހަގީގަތުގައި ވެސް އެއްވެސް ޕާޓީއަކާ ގުޅުމެއް ހުރި ކަމެއް ނޫނެވެ. މިހުރިހާ ކަމެއް ވެސް ގުޅެނީ އެންމެ މީހަކާ އެވެ. އެމީހަކީ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، ނަޝީދެވެ.
ނިޒާމާ ބެހޭ މިވާހަކަ އުފަންވީ ވެސް އެންމެ ސަބަބަކާ ހެދި އެވެ. ރާއްޖެއަށް ގިނަ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ތައާރަފް ކުރުމަށްޓަކައި އެކުލަވައިލި ގާނޫނު އަސާސީ ނިންމާލުމަށް ހިފާލި ވަގުތު އޭރު ރާއްޖޭގެ ހާލަތު އޮތްގޮތަށް ބަލައިފައި ރައީސް މައުމޫން އަބްދުލް ގައްޔޫމާ ވާދަކޮށް އެކަނި ނުކުމެ ކާމިޔާބުވާނެ އެއްވެސް މީހަކު ހުރިކަމަށް އޭރު ރިޔާސީ ގޮނޑިއަށް ފައި ނަގައިގެން ތިބި އެކަކަށް ވެސް ނުވިސްނުނެވެ. ޚާއްސަކޮށް އެމްޑީޕީން ރައީސް ކަމަށް ކުރިމަތިލާން ހުންނެވި ނަޝީދަށް އެވަރުގެ ތާއީދެއް ލިބިދާނެކަމަށް އޭރު ބެލެވިފައެއް ނެތެވެ.
ރިޔާސީ ނިޒާމުގައި ގައުމުގެ ވެރިއަކަށް ސީދާ ރައްޔިތުން ވޯޓު ދޭން ޖެހުނު ކަމުގައި ވިޔަސް ބަރުލަމާނީ ނިޒާމެއްގައި ވެރިޔަކީ ހުރިހާ ރައްޔިތުންގެ ވޯޓަކުން ހޮވޭ މީހެއް ނޫނެވެ. އެހެންކަމުން ގައުމުގެ ވެރިއަކަށް ރައީސް ނަޝީދަށް އެންމެ ފަސޭހައިން ވަޑައިގަނެވޭނެ ގޮތަކީ ވެރިކަން ބަރުލަމާނީ ނިޒާމަކަށް އޮތުމުން ކަމަށް އޭރު ވެސް ގަބޫލު ކުރެވުނެވެ.
އެހެންކަމުން ނަޝީދުގެ ސަޕޯޓަރުން މަޖިލީހުގައި ވާހަކަ ދައްކަވައިގެން ނިޒާމީ ވޯޓަކާއެކު ރައްޔިތުންނާ ކުރިމަތިލި އެވެ. އެ ފަހަރު ރައީސް ނަޝީދާއެކު ބަރުލަމާނީއަކަށް ކެމްޕޭން ކުރެއްވި ފާހަގަ ކޮށްލެވޭ އަނެއް ބޭފުޅަކީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމެވެ. ވޯޓުގެ ނަތީޖާ ލިބުނީ ރިޔާސީ ނިޒާމަކަށެވެ.
ގާނޫނު އަސާސީ ހެދިއިރު ސިޔާސީ ގޮތުން ބަސް ގަދަ ފަރާތްތަކަށް ހީވި ގޮތަށް އެކަކު އެކަނި ނުކުމެ ރާއްޖޭގެ ރައީސްކަން ހޯދޭ ވަރުގެ މަގުބޫލު ޝަޚުސިއްޔަތެއް މިހާ ތަނަކަށް ފެނިފައެއް ނުވެ އެވެ. ރައީސް ކަމަށް ވަޑާއިގަންނަވާ ކޮންމެ ބޭފުޅަކަށް ވެސް މިހާތަނަށް ޖެހި ވަޑައިގެންފައި އޮތީ އެހެން ސިޔާސީ ލީޑަރުންތަކަކާއެކު ޑީލް ހައްދަވާށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތަށް ބަލާއިރު ކުރީގެ ރައީސް ނަޝީދާއެކު ސިޔާސީ ޑީލް ހަދަން ބޭނުންވާނެ ސިޔާސީ ލީޑަރުން ވަރަށް މަދުކަމަށް ދެންނެވިދާނެ އެވެ. ސަބަބަކީ އެ މަނިކުފާނުގެ ދޫފުޅުން ތަފާތު ހަމަލާތަކެއް ނުދެއްވާ ބޭފުޅަކު މަދުވީމަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު އިތުރުވެ އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ވަޑައިގެންފާނެ ކަމަށް ހީވާ ސަބަބަކީ ވެސް އެއީ އެވެ.
އެމަނިކުފާނުގެ ބަސްފުޅު މަދުވެފައި ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވާތީ އެވެ. ބަރުލަމާނީ ކެމްޕޭނެއް ރައީސް ނަޝީދު ފެއްޓެވި ހިސާބަކީ އެއީ އެވެ. ކުރުކޮށް ދަންނަވާނަމަ އެމްޑީޕީން ކަމަށް ވިޔަސް އެ މަނިކުފާނު ނޫން މީހަކު ގައުމުގެ ވެރިޔަކަށް ވަޑައިގެނެނެވުމަކީ އެމަނިކުފާނަށް ހިތްހަމަ ޖައްސަވައި ލެއްވޭ ވަރުގެކަމެއް ހެނެއް ހިޔެއް ނުވެ އެވެ.
އެހެން ކަމުން ކުރުމަގަކުން ވެރިކަމަށް ވަޑައިގެންނެވުމަށް އެމަނިކުފާނު ކުރެއްސެވި ޗާޓު ސީދާ ރައީސަށް ފޮނުއްވެވީ ދެން ހަވާސާގައި ނުހުންނެވޭނެ ކަމަށާއި ވެރިކަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ. އެ ޝަކުވާތަކަށް ރައީސް ސޯލިހު އަޅާނުލެއްވުމުން ރައްޔިތުންގެ ނަމުގައި ރައީސަށް އަރުވާނެ ޕެޓިޝަނެއް މިހާރު އަންނަނީ ތައްޔާރު ކުރަމުންނެވެ.
ޕެޓިޝަނެއްގެ ސިފައިގައި ނަމަވެސް ވަޓްސް އަޕް މެސެޖަކުން ނަމަވެސް ރައްޔިތުންގެ ނަމުގައި ރައީސަށް ސަލާން މިޖަހަނީ ސީދާ ވެރިކަން ބޭނުންފުޅު ވެގެންނެވެ. އެކަމަށް އޮތް މަގު ބުރަވެ، ދިގުވެދާނެ ހެން ހީވުމުން ކުރުމަގަކުން ކައިރި ގޯޅިޔަކުން ވަޑައިގެންނެވުމަށް ކުރެވޭ މަސައްކަތެކެވެ.
ރައްޔިތުންނޭ ނުކިޔަވާ މަޖިލިހަށް ހޮވަން ވޯޓުދިން މީހުންގެ ނަމުގައި ބުނެލުން ރަނގަޅު. ދުވަހަކު ވެސް އަަހަރެން ދިވެހި ރައްޔިތެއްގެ ގޮތުގައި ހުރެ ބަރުލަމާނީ އަކަށް ވޯޓެއް ނުދޭނަން.
ރައްޔިތުންގެ ނަމުގައޭ ނުބުނޭ. ރައްޔިތުން ތިބޭފުޅާގެ ސިޔާސީ ޑުރާމާތައް ބަލާ މިހާރު ފޫހިވެއްޖެ. ރައްޔިތުން ބޭނުންވަނީ ހަމަޖެހުމާއި އަމާންކަމުގައި ތަރައްގީގެ މަގުގައި ކުރިޔަށް ގޮސް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ސިޔާސީ ގުންޑާއިންގެ ކިބައިން ގައުމު ސަލާމަތްވުން. ވަކި މީހެއްގެ ފަހަތުން ދުވެ އަތްޖަހާ ޚުދުމުޚުތާރު ގޮތްތައް ބޭނުމެއް ނުވޭ. ތިމާގެ ހިތުގައި އޮތް ވެރިކަމަށް އައުމުގެ ދަހިވެތިކަން ހަނދާން ނައްތާލާ.