ދިރާގުގެ ފައިބާ އިންޓަނެޓްގެ ހިދުމަތް މެދުކެނޑުމަށްފަހު، ދެ ގަޑިއެއްހާއިރު ފަހުން އަލުން ދީފި އެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނިން ދެމުން އަންނަ ފައިބާ ބްރޯޑް ބޭންޑްގެ ހިދުމަތް ބައެއް ސަރަހައްދުތަކުން މެދުކެނޑުނީ ހެނދުނު 5:30 ން ފެށިގެންނެވެ. އަދި އަލުން ހިދުމަތް ދިނީ މީގެ 30 ވަރަކަށް މިނެޓް ކުރިންނެވެ.

ދިރާގުން ދޭ ފައިބާ އިންޓަނެޓްގެ ހިދުމަތް މެދުކެނޑި އެހާ ގިނައިރު ހޭދަވިއިރު، މިކަން ކަސްޓަމަރުންނަށް އަންގާފައެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ދިރާގުގެ އޮފިޝަލަކު ވިދާޅުވީ މެދުކެނޑުނު އިންޓަނެޓްގެ ހިދުމަތް އަލުން ދީފައިވާ ކަމަށެވެ.

އިންޓަނެޓްގެ އަގަށް "ހެޔޮ ބަދަލު" ގެނައުމުގެ ގޮތުން މީގެ ދެ މަހެއްހާ ދުވަސްކުރިން ވަނީ އިންޓަނެޓް ޕެކޭޖްތަކުގެ ފެއާ ޔޫޒޭޖް އެލަވަންސް ބޮޑުކޮށް، ޕެކޭޖް ހުސްވުމުން ތްރޮޓްލްވާ ސްޕީޑް ފަސް އެމްބީޕީއެސްއަށް މަތިކޮށްފަ އެވެ.