ކާބުލް (29 އޮގަސްޓް) - އަފްޣާނިސްތާނުގެ ވެރިރަށް، ކާބުލްގައި ހުރި އެމެރިކާގެ ޖާސޫސީ އިދާރާ ކަމަށްވާ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ)ގެ އީގަލް ބޭސް އެމެރިކާއިން ގޮއްވާލައިފި އެވެ.

އީގަލް ބޭސްގެ ނަމުން ނަން ދީފައިވާ މި ޖާސޫސީ ބޭސް ގޮއްވާލާފައި ވަނީ އެތަނުގައި ހުރި ސިއްރު މައުލޫމާތާއި ހަތިޔާރު ތާލިބާނުންގެ އަތްދަށަށް ދިޔަ ނުދޭން ކަމަށް އެމެރިކާގެ އޮފިޝަލުން އެ ގައުމުގެ ނޫސްތަކަށް މައުލޫމާތު ދީފައިވެ އެވެ. މިއީ ކާބުލްގައި ހުރި އެމެރިކާގެ އެންމެ ފަހުގެ ޖާސޫސީ ބޭސް އެވެ.

މި ބޭސްގައި އެމެރިކާގެ ސަލާމަތަށް ނުރައްކާ ކުރަން ތާލިބާނުންނަށް ބޭނުން ކުރެވިދާނެ ލިޔެކިޔުންތަކާއި ހާޑް ޑްރައިވްސް ހުރިއިރު އެ ހުރިހާ އެއްޗެއް ގޮއްވާލުމުގައި ވަނީ ނައްތާލެވިފަ އެވެ.

އެމެރިކާގެ އޮފިޝަލުން އިތުރަށް ވިދާޅުވި ގޮތުގައި ގޮއްވާލެއްވުނު އީގަލް ބޭސްއަކީ 20 އަހަރަށް ދެމިގެން ދިޔަ އަފްޣާނިސްތާނުގެ ހަނގުރާމައިގައި ޓްރެއިނިން ކޭމްޕެއްގެ ގޮތުގައި ބޭނުންކުރި ބޭސްއެކެވެ.

އީގަލް ބޭސްއަކީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކަކާއެކު ހަދާފައިފައިވާ ކޭމްޕަކަށްވުމާއެކު މި ބޭސް ގޮއްވާލުމަކީ އެެމެރިކާއަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް މާހިރުން ބުނެ އެވެ.

ތާލިބާނުން މިހާރު ވެސް ވަނީ އެމެރިކާއިން އަފްޣާނިސްތާނުގެ ކުރީގެ ސަރުކާރަށް ދީފައިވާ ހަނގުރާމަ މަތީ ހަތިޔާރުތަކަށް އަތްގަދަ ކޮށްފަ އެވެ. މީގެ ތެރޭގައި 2،000 އަށްވުރެ ގިނަ އެއްގަމު އުޅަނދާއި 40 ވައިގެ އުޅަނދު ހިމެނެ އެވެ. -- އަލް އަރަބިއްޔާ