ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރުމަށް ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރު ކޮށްލައިފި އެވެ.

މި މައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.

މައްސަލައާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެ މައްސަަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ހަތް މެމްބަރުންނެވެ. ނުފެންނަކަމަށް 20 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ކޮޅަކަށް 27 މެމްބަރަކު ވޯޓެއް ނުދެއްވި އެވެ.

އާދްމަ ޝަރީފް ހުށައެޅި މައްސަލައިގައިވަނީ ކުރީގެ ރައީސްގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވަނީ ނުޙައްގުން ކަމަށާއި އެއީ ފާސިގު ހެކި އުފައްދައިގެން ކޮށްފައިވާ ސިޔާސީ ހުކުމެއްކަމަށް ޕީޕީއެމް/ޕީއެންސީ، އަދި ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ތަކުރާރުކޮށް ބުނަމުންދަނިކޮށް، ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެގޮތުން، ޙުކުމްކުރި ބެންޗުގައި ތިބި ބައެއް ފަނޑިޔާރުންނަށް ރިޝްވަތުދީ، ބިރުދައްކާފައިވާކަން އެނގޭ އޯޑިއޯތަކެއް ލީކުވެފައިވާ ކަމަށާއި، ރައީސް ޔާމީނަށް ޙުކުމްކުރި ފަނޑިޔާރަކަށް ލިބޭނެކަމަށް ކުރިން އަންގާފައިވާ މަގާމުގެ ކުރިއެރުން ލިބިފައިވާއިރު، ބެންޗުގައި ދެން އިން ފަނޑިޔާރަކަށް ލިބޭނެކަމަށް ބުނެފައިވާ މަގާމުގެ ކުރިއެރުން ލިބިފައި ނުވާކަމުގެ ޝަކުވާއާއި އެ ފަނޑިޔާރު ރައީސް ޔާމީނަށް ނުޙައްގު ހުކުމްކުރި ބެންޗުގައި އިނީ، ހުކުމުގައިވާ އެއްޗެއް ނޭނގޭ ހާލުގައި ވެސް، ސަރުކާރުން އަންގާފައިވާތީކަން އެ އޯޑިއޯތަކުން ދޭހަވާ ކަމަށެވެ.

"ލީކުވެފައިވާ އޯޑިއޯތަކުން، ރައީސް ޔާމީނަށް ނުޙައްޤު ހުކުމްކުރުވުމުގައި ރިޝްވަތު ދިނުމާއި ބިރުދެއްކުމާއި މަޖުބޫރުކުރުންތަކެއް ފަނޑިޔާރުންނަށް ކުރިމަތިވެފައިވާކަން ހާމަވާތީވެ، ގާނޫނުއަސާސީގެ 7 ވަނަ މާއްދާއާއި 42 ވަނަ މާއްދާގެ (ށ) އާއި 141 ވަނަ މާއްދާގެ (ނ) އާ ޚިލާފުވެ، އެ މާއްދާތަކުގެ ބާރު ކަނޑުވާލާފައިވާތީއާއި އަދި ޤާނޫނު ނަންބަރު 2000/2 ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ޢަމަލު ހިންގާފައިވާކަން ދޭހަވޭ،" ކުއްލި މައްސަލައިގައިވެ އެވެ.

އެހެންކަމުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުންނަށް ރިޝްވަތުދީ، ބިރުދައްކާފައިވާ މައްސަލަ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ތަހްގީގުކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

މިމައްސަލަ މަޖިލީހުން ބޭރުކޮށްލުމުން މިހާރުވަނީ މަޖިލީހުގެ 3 ކޮމިޓީއަކަށް ހުށައަޅާފައެވެ.