ފުލުހުންގެ ހިދުމަތް ފަސް ސަރަހައްދަކަށް ބަހާލައިގެން ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ނ. މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި މި މަހުގެ ތެރޭގައި މިހާރު މި ހިދުމަތްދެމުންދާ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރު ގާއިމުކުރެވިފައިވާ ހަތް ޑިވިޜަންގެ ބަދަލުގައި ފަސް ރީޖަން ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އިމްރާން ވިދާޅުވީ މިއިން ކޮންމެ ރީޖަނަކަށް ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށް، އެ ކޮމާންޑަރުންނަސް އިތުރު ބާރުތައް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. އަދި ހިދުމަތް ދިނުމަށް ބެނުންވާ ވަސީލަތްތައް ހަމަކޮށް، މި ބަދަލުތައް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ގެންނަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިފަދަ ބަދަލެއްގެ ގެނައުމުގެ ސަބަބުން ރައްޔިތުންނާއި ގާތުން ފުލުހުންގެ ޚިދުމަތް ދެވި، ނިންމަންޖެހޭ ނިންމުންތައް ފަސޭހަކާ އަވަސްކަމާއެކު ނިންމުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުން ހިދުމަތް ފުޅާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެކަމަށްޓަކައި ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.