ބްރަސަލްސް (31 އޮގަސްޓް) ފައިޒާ ވެކްސިންއަށްވުރެ މޮޑާނާ ވެކްސިންއިން ހަށިގަނޑުގައި އުފައްދައިދޭ އެންޓި ބޮޑީސް ދެގުނަ ގިނަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ބެލްޖިއަމުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 2،500 މުވައްޒަފުންގެ މެދުގައި ކުރިއަށް ދިޔަ މި ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުގައި މޮޑާނާ ވެކްސިންގެ ދެޑޯޒު ޖެހުމުގެ ކުރިން ކޮވިޑްއަށް ޕޮޒިޓިވް ނުވާ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް ފާހަގަކުރެވިފައި ވަނީ ކޮންމެ މިލި ލީޓަރަކަށް 2،881 ޔުނިޓް އެވެ.

މި އަދަދު ފައިޒާ ވެކްސިންގެ ދެ ޑޯޒު ޖެހި މީހުންގެ ހަށިގަނޑުގައި ރެކޯޑު ކުރެވިފައިވަނީ ކޮންމެ މިލި ލީޓަރަކަށް 1،108 ޔުނިޓްގެ ގޮތުގަ އެވެ.

ޖާނަލް އޮފް އެމެރިކަން މެޑިކަލް އެސޯސިއޭޝަން ގައި ޝާއިޢު ކޮށްފައިވާ މި ދިރާސާގައި ބުނެފައި އޮތް ގޮތުން މި ތަފާތަކީ މޮޑެނާ ވެކަސިންގައި އެކްޓިވް އިންގްރީޑިއަންޓް ފައިޒާއަށް ވުރެ ގިނައިން ހުރުމެވެ. އެގޮތުން މޮޑާނާ ވެކްސިންގައި 100 މައިކްރޯ ގްރާމްސް އެކްޓިވް އިންގްރީޑިއަންޓް ހުންނައިރު ފައިޒާ ވެކްސިންގައި ހުންނަނީ 30 މައިކްރޯ ގްރާމެވެ.

މީގެ ކުރިން ހެދި ދިރާސާތަކުން ދައްކާގޮތުގައި އެންޓި ބޮޑީސް އެންމެ ގިނައިން އުފައްދައިދެނީ ފައިޒާ ވެކްސިންގެ އިތުރުން އެސްޓްރަޒެނެކާ ވެކްސިން އެވެ. -- އަލް އަރަބިއްޔާ