ބޮލީވުޑްގެ މަޝްހޫރު ތަރި އަދި އިންޑިއާގެ ކާމިޔާބު ރިއަލިޓީ ޝޯ "ބިގް ބޮސް 13" ވަނަ ސީޒަންގެ ފަހުރުވެރި އެއްވަނަ ހޯދި ސިދާތު ޝުކްލާ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އޭނާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އިންޑިއާގެ ކޫޕާ ހޮސްޕިޓަލްއިން ވަނީ މިކަން ޔަގީން ކޮށްދީފަ އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި ސިދާތު ވަނީ ނިދުމުގެ ކުރިން ބޭހެއް ކައިފަ އެވެ. އަދި މިހާރު ދަނީ ސިދާތުގެ ޕޯސްޓް މޯޓަމް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށްވެ އެވެ.

ސިދާތުގެ އާއިލާގައި އޭނާގެ މަންމަގެ އިތުރުން ދެ ދައްތަ ހުރެ އެވެ. ސިދާތް އެންމެ ފަހުން ފެނިފައިވަނީ އޭނާގެ މަންމަ ބަލާ އެއާޕޯޓަށް ގޮސް ހުއްޓަ އެވެ.

ސިދާތުއަކީ ޝޯބިޒްގެ ދުނިޔޭގައި މަޝްހޫރު ގިނަބައެއްގެ މަގުބޫލްކަން ހޯދާފައިވާ ތަރިކެވެ. ބަލިކާ ވަދޫއިން މަގުބޫލްކަން ހޯދި ސިދާތުވަނީ ބިގް ބޮސް ސީޒަން 13 ކާމިޔާބު ކޮށްފަ އެވެ.

ސިދާތް އެންމެފަހުން ފެނިފައި ވަނީ ލޯބިވެރިޔާކަމަށް އަޑުތައް އަރާފައިވާ ޝެހެނާޒް ގިލް އާއިއެކު "ޑާންސް ދިވާނާ 3" ގަ އެވެ.

ނަމަވެސް އޭނާގެ ކުއްލި މަރާއި ގުޅިގެން ގިނަ ބަޔަކު ސިހުމެއްގައި ވާއިރު، މިކަމާއި ގުޅިގެން ފިލްމީ ތަރިން ދަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް، އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.