އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން އަލުން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ބަލަން ފަށައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހްލޫފް ކުރިމަތިލާފައި ވަނީ ކ، އއ. އދ. އަދި ވ. އަތޮޅު ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25ވަނަ ދުވަހު އެވެ.

މަޙްލޫފް އެމްޑީޕީގެ އިންތިހާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާފައިވާ، މިދިޔަ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ.

މަޙްލޫފްއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އޭނާގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ކަމާގުޅުން ހުރި މުއައްސަސާތަކުން ހޯދި މައުލޫމާތުގައި، މަހްލޫފުގެ މައްސަލައެއް އޭސީސީން ބަލާ ކަމަށް އަންގާފައިވާތީ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީއިން ނިންމުމުން އެމައްސަލަ މަހްލޫފު ވަނީ އިލެކްޝަން ކޮމިޝަނަށް ވެސް ހުށަހަޅާފަ އެވެ. މިމައްސަލަ ބެލުމަށް ފަހު އިލެކްޝަން ކޮމިޝަން ނިންމާފައިވަނީ މަހްލޫފާ އެއްކޮޅަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެންބަރަކަށް ޝަރުތުތަކެއް ކަނޑައަޅާ ނަމަ އެ މަގާމަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލެއް އަސާސީ ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމްޑީޕީގެ މެންބަރުކަން ފިޔަވައި ވަކި ހާއްސަ ޝަރުތެއް ބަޔާންކޮށްފައި ނުވާ ކަމަށް އީސީން ބުނެފައިވެ އެވެ.

އީސީން އެމްޑިޕީއަށް ފޮނުވި ސިޓީގައި މިގޮތަށް ބަޔާންކޮށްފަިއ އޮތް ނަމަވެސް އެމްޑީޕީން ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އާންމުކޮށްފަ އެވެ.

މަހްލޫފުގެ މައްސަލަ އަލުން ބެލުމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައި މިވަނީ އެ ކޮމެޓީއަށް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން އިންތިހާބު ކުރެއްވުމަށް ފަހު އެވެ.