އިންޑިއާގެ ލޯނުގެ އެހީގައި ލ. ގަމުގައި ތަރައްގީކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާ ގުޅިގެން އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީމްއެމްސީ)ގެ މަންދޫބުން އެ ރަށަށް ޒިޔާރާތްކޮށްފި އެވެ.

މުމްބާއީގެ ޓީއެމްސީގެ މަންދޫބުންގެ ޓީމު ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ މިމަހުގެ ދެ ވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

ދެ އޮންކޮލޮޖިސްޓުން ވެސް ހިމެނޭ، މި ޓީމުން ވަނީ ގަމަށް ޒިޔާރަތްކޮށް، ކެންސަރު ހޮސްޕިޓަލް ހެދުމުގެ ޕްރިލިމިނަރީ ސާވޭ ހަދައި، ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ވެސް ބަލައިފަ އެވެ.

އިންޑިއާގެ އެކްސިމް ބޭންކުގެ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޖެކްވެސް މި ލައިން އޮފް ކްރެޑިޓް ގެ ދަށުން ހިނގާ އެހެނިހެން ބޮޑެތި ޕްރޮޖެކްޓްތަކާއި އެއްގޮތަށް 1.75 އިންޓަރެސްޓް ރޭޓުން 20 އަހަރުގެ ތެރޭގައި ދައްކާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ލޯނު ދައްކަން ފަށަން ފަސް އަހަރު ދުވަހުގެ މުއްދަތެއް (ގްރޭސް ޕީރިއަޑް) ވަނީ ދެވިފަ އެވެ.

މި މަޝްރޫގެ ދަށުން ގަމުގައި ދުނިޔޭގެ ފެންވަރުގެ ކެންސަރު ހޮސްޕިޓަލެއް އަޅާނެ އެވެ. އަދި ކެންސަރު ބަލީގެ ތަހުލީލުތައްކޮށް، ބަލި ދެނެގަނެ، ފަރުވާ ދީ އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރިހެބިލިޓޭޝަން ވެސް ފޯރުކޮށްދޭނެ އެވެ. ރާއްޖޭގެ ހުރިހާ ކެންސަރު ބަލި މީހުން އެކުލެވޭ ރަޖިސްޓަރީއެއް އެކުލެވިގެން ދާނެ އެވެ.

މި މަޝްރޫގެ ދަށުން ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ދާއިރާ ބޭފުޅުންގެ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ދާނެ އެވެ.

އެގޮތުން 250 ދިވެހި ސިއްހީ ދާއިރާ މުވައްޒަފުން، ނަރުހުންނާއި، ޑޮކްޓަރުން އަދި ޓެކްނީށަނުން، އިދާރީ މުވައްޒަފުން އަދި ކެންސަރު ފަރުވާއާއި ގުޅޭ އިތުރު ދާއިރާ ތަކުގެ ތެރެއިން ތަމްރީނުކުރެވޭނެ އެވެ. ތަމްރީނު ދިނުމުގައި ހޮސްޕިޓަލަށް ބޭނުންވާ ކެންސަރު ބަލީގެ އެކިއެކި ދާއިރާތަކުން ދިވެހިން ކުރިއެރުވުމަށް އިސްކަންދެވޭނެ އެވެ.

ލ. ގަން ކެންސަރު ހޮސްޕިޓަލް މަޝްރޫއު އިއުލާން ކުރީ ރައީސް އިބްރާހިމް ސޯލިހް އާއި ބޮޑުވަޒީރު މޯދީ ޑިސެމްބަރ 2019 ގައި ކުރެއްވި ވީޑިއޯ ކޮންފަރެންސް ކޯލަކުން ނެވެ.

މި ވަގުތު ރާއްޖޭގައި މި ބައްޔަށް ފަރުވާ ލިބެނީ ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ. ނަމަވެސް ބޮޑެތި ތަހުލީލުތައް އަދި ބިލީގެ ތަފްސީލު ދެނެގަނެ، ރޭޑިއޭޝަން ހަދައި، ބައެއް އޮޕަރޭޝަން ކުރަން އަދިވެސް ދާން ޖެހެނީ ރާއްޖެ އިން ބޭރަށެވެ.