ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ދަރިވަރުން ސްކޫލަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހުން ހިޔާ ފްލެޓްތަކަށް ކަރަންޓް ދިނުމާއި ގުޅިގެން މިހާރު ބައެއް ފަރާތްތަކުން ހިޔާ ފްލެޓްގައި ދިރިއުޅެން ފަށާފަ އެވެ. އަނެއް ބަޔަކު ފްލެޓްގެ ފިނިޝިން މަސައްކަތް ނިމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހިޔާ ފްލެޓްގައި މީހުން ދިރިއުޅެން ފެށި ނަމަވެސް އެސަރަހައްދުގައި އަދި އަސާސީ ހިދުމަތްތަކެއް ނުލިބެ އެވެ. އެގޮތުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސްކޫލެއް ނުހުންނާތީ ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުންދާ ދަރިވަރުން ސްކޫލްތަކަށް ދިއުމަށް ދިގު ދަތުރެއް ކުރަން ޖެހެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފްލެޓުގައި ދިރިއުޅޭ ދަރިވަރުން ސްކޫލްތައް މެދުވެރިކޮށް އެކަމަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން ގޫގުލް ފޯމް މެދުވެރިކޮށް ފުރިހަމަ ކުރަންޖެހޭ މި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިއަދު މެންދުރު 1:00 އެވެ.

މިނިސްޓްރީން އިންތިޒާމް ހަމަޖައްސައިދީފައިވާ ގޮތުން ފްލެޓުތަކުގައި ދިރިއުޅޭ ކުދިންގެ ތެރެއިން މާލެއަށް ކިޔަވަން އައިސް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދިނުން ހިމެނެ އެވެ. އަދި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސްކޫލްތަކުގައި ކިޔަވާ ކުދިންނަށްވެސް ސްކޫލަށް ދިއުމާއި ގެއަށް ދިއުމުން ހަމަޖައްސައިދޭނެ އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތްކުރަން ނިންމާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު ވަނީ ފުރަތަމަ އިމާރާތްކުރާ ސްކޫލް "ސަލާހުއްދީން ސްކޫލް" މަސައްކަތައް ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަންނަ އަހަރުގެ މާޗަށް ނިންމަން ޖެހޭ އެ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް، 118 މިލިއަން ރުފިޔާ އަށް ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަނާ އެވެ.

އަންނަ އަހަރުގެ ޑިސެމްބަރަށް ނިންމަން ޖެހޭ، އެ ފިޔަވަހީގެ ދެ ވަނަ ސްކޫލްގެ މަސައްކަތް 243 މިލިއަން ރުފިޔާ އަށް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް އާންމު ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވެސް މިހާރު އަންނަނީ ވަމުންނެވެ.