ސިނަމާލެ ބްރިޖުގެ ގޭޓްގައި ޖަހާފައިވާ ދަބަރު ފިލުވައި ދަވާދުލުމުގެ މަސައްކަތް ފަށައިފި އެވެ.
ސިނަމާލެ ބްރިޖުގެ ގޭޓް އަލުން ދަވާލުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީއިން ފަށާފައި މިވަނީ ގޭޓުގައި ދަބަރުޖަހާ ހަލާކުވެގެންދާއިރު ވެސް ސަރުކާރުން އެކަމާ އަޅާނުލައި ދޫކޮށްލާފައި އޮންނާތީ ގިނަ ބަޔަކު ފާޑުކިޔުމާއި ގުޅިގެންނެވެ.
ސިނަމާލެ ބުރިޖުގެ ބެލެހެއްޓުމުގެ މަސައްކަތް ޗައިނާއިން ކުރިނަމަވެސް ބްރިޖުގެ ގޭޓް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދިވެހި ސަރުކާރަށެވެ. އެމަސައްކަތާއި ހަވާލުވެފައި އޮންނަނީ ޕްލޭނިން މިނިސްޓްރީންނެވެ.
މީގެ ކުރިން ވެސް ވަނީ ބްރިޖުގެ ދެ ފަރާތާއި މެދުގައި ޖަހާފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހާތީ އާ މެޓީރިއަލެއް ބޭނުންކޮށްގެން ދަބަރު ނުޖަހާގޮތް ހަދައިފަ އެވެ.
2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ހުޅުވި ސިނަމާލެ ބުރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން ހަރަދު ކުރީ އެންމެ 12 މިލިއަން ޑޮލަރެވެ. ބުރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެ އެވެ.