ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ ކުރި ސުވަލުތަކަށް ޖަވާބު ނުދެއްވުމުން މެމްބަރުން ނުރުހުން ފާޅުކުރައްވައިފި އެވެ.

މަޖިލީހަށް މިނިސްޓަރު އަސްލަމް ވަޑައިގަތީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމު އަބްދުލް ހަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.

ޝަހީމު ސުވާލުކުރައްވާފައި ވަނީ އޭނާގެ ދާއިރާގެ ބައެއް ރަށްތަކުގެ ނަރުދަމާއާއި ފެނުގެ ނިޒާމުގެ މަސައްކަތް ލަސްވަމުންދާތީ އެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާ ގުޅޭ ގޮތުންނެވެ.

އެ ސުވާލަށް ޖަވާބު ދިނުން ފިޔަވާ މެމްބަރުން ކުރެއްވި އެހެން އެއްވެސް ސުވާލަކަށް މިނިސްޓަރު އަސްލަމަށް ޖަވާބު ދެއްވިފައެއް ނުވެ އެވެ.

އަސްލަމަށް ސުވާލު ކުރަން ފެށިއިރު ވެސް ބައްދަލުވުމަކަށް ދާންޖެހޭތީ ސުވާލުކުރުމަށް ދީފައިވަނީ 30 މިނިޓްގެ ވަގުތެކެވެ. މި ވަގުތުގެ ތެރޭގައި މަޖިލީހުގެ އެކި ދާއިރާތަކަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ކުރެއްވި ސުވާލުތަކަށް އަސްލަމަށް ޖަވާބެއް ނުދެވި، ވިދާޅުވަމުން ގެންދެވީ އެކަށީގެންވާ ވާރަށް މިއަދު ތައްޔާރުވެވިފައި ނުވާ ކަމަށެވެ.

އަސްލަމްގެ ޖަވާބުތަކައި ގުޅިގެން ގިނަ މެމްބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ވެފައެވެ. މެމްބަރުން ވަނީ މަޖިލީހަށް ވަޑައި ގަންނަވަން 14 ދުވަހުގެ މުއްދަތެއް ދުރާލައި ލިބޭއިރު، މަޖިލީހަށް ވަޑައިގެން ޒިންމާދާރުކަން ކުޑަކޮށް ޖަވާބު ދެއްވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން މިއަދު މަޖިލީހުގެ ރިޔާސަރުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އީވާ ވަނީ މަޖިލީހުގެ ތަޅުމުގައި މިނިސްޓަރުންނާ ކުރެވޭ ސުވާލުތަކަށް ޖަވާބުދެއްވޭ ވަރަށް ތައްޔާރުވެގެން ވަޑައިގަތުމަށް މިނިސްޓަރު އަސްލަމަށް ވަނީ އަންގަވާފަ އެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ވެސް އޮންނަނީ އެ ދުވަހު ކުރެވޭ ސުވާލުތަކުގެ އިތުރުން ދެން ސުވާލު ކުރަން ޖެހޭނީ ވެސް ގުޅުންހުރި ސުވާލުތައް ކަމަށް ވިދާޅުވެ، މެމްބަރުން ކުރެއްވި ސުވާލުތައް ކަމުނުދާ ކަމަށް ވިދާޅުވެފަ އެވެ.