ޝައްކެއް ވެސް ނެތް ގޮތުގައި މޭވާވަކީ ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ވިޓަމިންސް އާއި މިނަރަލްސް ގިނަ އަދަދަކަށް ހަށިގަނޑަށް ލިއްބައިދޭ ބާވަތްތަކެކެވެ. ނަމަވެސް މޭވާ ބޭނުން ކުރެވޭ ވަގުތެއްގެ ސަބަބުން އެއިން ލިބޭ ފައިދާތަކަށްވުރެ ގެއްލުން މާ ބޮޑުވެ އެވެ.

އެގޮތުން އިރުއޮއްސުމަށްފަހު މޭވާ ކެއުމަކީ ނިދަން އުނދަގޫވެ ހަޖަމުގެ މައްސަލަތައް ކުރިމަތިވާން މެދުވެރިވާ ކަމެކެވެ. މޭވާގައި ހިމެނޭ ހަކުރުން ލޭގެ ހަކުރުގެ މިންވަރު އިތުރުވެ ނިދަން އުނދަގޫވާއިރު އިރު އޮއްސުމަށްފަހު ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވުމުގެ ސަބަބުން ހަޖަމު ކުރަން އުނދަގޫވެ އެވެ.

އެހެން ކަމުން މޭވާ ކެއުމަށް އެންމެ ރަނގަޅު ވަގުތަކީ ހެނދުނު ތެދުވެ ހައިބަނޑާ ކަމަށް މާހިރުން ލަފާދެ އެވެ. އެއީ އެ ގަޑިއަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އެންމެ ރަނގަޅަށް ހުންނަ ވަގުތަށް ވީމަ އެވެ.

މީގެ އިތުރުން ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ މޭވާއަކީ އިތުރު އެހެން ކެއުމަކާއެކު ކާން އެދެވިގެންވާ ކެއުމެއް ނޫން ކަމެވެ. އެގޮތުން މޭވާއިން ލިބެންވާ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބޭނީ ހުހަށް ކެއުމުން ކަމަށް ސިއްހީ މާހިރުން ލަފާދެ އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ރޭގަނޑު މޭވާ ކެއުމުގެ ބަދަލުގައި ހެނދުނު މޭވާ ކެއުމަކީ އެންމެ ރަނގަޅު ގޮތްކަން އެނގިގެންދެ އެވެ.