ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބިލް ގޭޓްސްގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ ކެސްކޭޑް އިންވެސްޓްމަންޓް އެލްއެލްސީ އިން މަޝްހޫރު ހޮޓެލް ޗެއިން ފޯ ސީޒަންސް ރިޒޯޓްސްގެ ހިއްސާ ބޮޑު ބައެއް ގަންނަން ނިންމައިފި އެވެ.
ކެސްކޭޑުން 2.21 ބިލިއަން ޑޮލަރަށް ގަންނަނީ ފޯ ސީޒަންސް ކުންފުނީގައި އޮތް ސައޫދީ އަރަބިޔާގެ ޕްރިންސް އަލް ވަލީދު ބިން ތަލާލުގެ ހިއްސާތަކުގެ ދެބައިކުޅަ އެއްބަ އެވެ.
ޕްރިންސް ވަލީދުގެ ހިއްސާގެ ދެބައިކުޅަ އެއްބައި ގަތުމަށްފަހު ކެސްކޭޑުގެ ހިއްސާގެ ޖުމްލަ 71.3 ޕަސެންޓަށް އަރާނެ އެވެ. މިއީ ގާތްގަނޑަކަށް ދިހަ ބިލިއަން އެމެރިކާ ޑޮލަރުގެ އަގެކެވެ.
މިއާއެކު ވަލީއަހުދު އަލް ވަލީދުގެ އަތްޕުޅުގައި ހުންނާނީ ބާކީ ހުރި ހިއްސާތައް ކަމަށް ފޯ ސީޒަންސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ވަލީ އަހުދުގެ ނަންފުޅުގައިވާ ކިންގްޑަމް ހޯލްޑިންގްސްގެ ދަށުން މިޑީލް ކުރިއަށް ގެންދާއިރު މި ޑީލުން ލިބޭ ފައިސާ ބޭނުންކުރާނީ ތަރައްގީގެ މަޝްރޫއުތަކާއި ނަގާފައި ހުރި ލޯނުތައް ދެއްކުމަށް ކަަމަށް އެ ކުންފުނިން ބުނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އަދި ލަގްޒަރީ ހޮޓެލް އޮޕްރޭޓަރުންގެ ތެރޭގައި ހިމެނޭ ފޯ ސީޒަންސް އަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި 121 ހޮޓަލް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ތިން ރިސޯޓެއް ރާއްޖޭގައި ވެސް ހިންގަ އެވެ. އެއީ ފޯ ސީޒަންސް ކުޑަހުރާ އާއި ފޯސީޒަންސް ލަނޑާގިރާވަރު އަދި ފޯ ސީޒަން ވޯވަށް ޕްރައިވެޓް އައިލެންޑެވެ. -- ރޮއިޓާސް