މީގެ ވިއްސަކަށް އަހަރުން ކުރިން، ބޭރު ގައުމުތަކުގައި ޚާއްސަ ކޮށް ޔޫރަޕްގެ ގައުމެއްގައި ތިމަންނައަކީ ދިވެއްސެކޭ ބުނެފި ނަމަ ފުރަތަމަ ވެސް އިވޭނީ ހަމްދަރުދީގެ ބަސްކޮޅެކެވެ. ގައުމު އަޑިއަށް ހިނގައިދާނެތީ އެވެ. ރާއްޖެއަކީ ދުނިޔެ ހޫނު ވުމުގެ ނަތީޖާއެއްގެ ގޮތުން ތިމާވެށްޓަށް އަންނާނެ ކަމަށް ބެލެވޭ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.

ކަނޑުގެ ލޮނުގަނޑު އުފުލޭއިރު ފަސްގަނޑު ތިރި ރަށްތައް ގިރައިގެން ހިނގައިދާނެތީ އެވެ. އެއީ ދުނިޔެ ހޫނުމިން މަތިވުމާއި އެކަމުގެ ސަބަބުން ނުކުންނާނެ ނަތީޖާ އާ މެދު އާންމު ގޮތެއްގައި ވިސްނުން އޮންނަ ގޮތެވެ. ފަސްގަނޑު ތިރި ޖަޒީރާ ގައުމުތައް ނެތި ހިނގައިދާނެ ވާހަކަ އެވެ.

ކުޑަ ދުވަސްކޮޅެއް ކުރިން އިނގިރޭސިވިލާތުގެ ލަންޑަނުގެ މަގުތަކަށް އާދަޔާ ޚިލާފަށް ގިނައިން ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ފުރި ރަށު ތެރެއަށް ފެތުރުމުގެ ސަބަބުން މަގުމަތީގައި އެއްޗެތި ނުދުއްވި މީހުން ސަލާމަތްކުރުމުގެ އެތައް ހަރަކާތެއް ހިންގަން ޖެހުނެވެ. މިއީ އާންމު ކަމެއް ނޫނެވެ. މި ހާދިސާ ހިނގީ ޖަރުމަނުގައި ފެންބޮޑުވެ އެތައް ބައެއްގެ ފުރާނަ ދިޔަ ހާދިސާ ހިނގިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. މި ދެ ހާދިސާއާ ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ މަސްއޫލުވެރިން އެއް އަޑަކުން އެއްބަސްވާން ޖެހުނު ހަގީގަތަކީ ދުނިޔެ ހޫނުވަމުންދާ ދިއުމުގެ ސަބަބުން ދިމާވެދާނެ ތިމާވެށީގެ މުސީބާތްތަކަށް ބޮޑެތި ސިޓީތަކުން އެކަށީގެންވާ ވަރާ ގާތަށް ވެސް ތައްޔާރުވެފައި ނުވާކަމެވެ. ނުވަތަ ތައްޔާރުވަމުން ނުދާ ކަމެވެ.

ދުނިޔެ ހޫނުވުމުގެ ވާހަކަ ނުވަތަ ގްލޯބަލް ވާމިންގެ ވާހަކަ ސައިންޓިސްޓުން ދައްކަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެހެނަސް ބައިނަލްއަގުވާމީ ސަމާލުކަން އެކަމަށް ލިބެން ފެށީ 1980 ގެ އަހަރުތަކުގެ ތެރޭގަ އެވެ. އޭރު އާންމުކޮށް ވިސްނިފައި އޮތް މައިގަނޑު ތިއަރީއަކީ ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން އެންޓާޓިކާގެ އައިސްތައް ވިރި، ކަނޑަށް އެޅި، ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމެވެ. ނަތީޖާއެއްގެ ގޮތުން ބިން ތިރި ޖަޒީރާ ގައުމުތައް ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑެވެ. އެ ކަމަށް އޮތް ހައްލުކަމުގައި ފެނުނު އޯޒޯން ފަށަލަ ހަލާކުކުރާ ގޭސްތައް ބޭނުންކުރާ މިންވަރު މަދުކުރުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެއްބަސްވެ ފުރަތަމަ އެގްރިމެންޓެއް ހެދީ 1987 ވަނަ އަހަރު އެވެ. އެ އެގްރިމެންޓަށް މާބޮޑު ސަމާލުކަމެއް ނުދެވި އޮއްވާ ދުނިޔޭގެ ހޫނު މިންތިރި ނުވެ މައްޗަށް ދާކަމުގެ އިންޒާރު ސައިންޓިސްޓުން އައީ ދެމުންނެވެ.

ތަޖުރިބާކާރުންގެ އިންޒާރުތަކާއި ދުނިޔެއަށް ދިމާވަމުން އަންނަ ތިމާވެށީގެ އެތަކެއް ނުރައްކާތަކަކާހުރެ ދުނިޔޭގެ ގައުމުތަކުން ތިމާވެށްޓާ މެދު ސީރިއަސް ވާން ވެއްޖެކަމަށް ގަބޫލުކޮށް ވަރަށް ތަފުސީލު އެއްބަސްވުމެއް 2015 ވަނައަހަރު އެކުލަވައިލި އެވެ. ފަރަންސޭސިވިލާތުގެ ޕެރިހުގައި ސޮއިކުރި މި އެއްބަސްވުމުގައި ދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާނެ ކަންތައްތަކާއި ކުދި ގައުމުތަކަށް އެހީވާނެ ގޮތުގެ އެކްޝަންއ ޕްލޭންތަކެއް ހިމެނެ އެވެ. ތިމާވެށްޓާ ބެހޭ މައްސަލަތަކުގައި އެއްބަސްވުމާއި ޕްލޭންތައް ކިތަންމެ ތަފުސީލުކޮށް ލިޔެފައި އޮތް ކަމުގައި ވިޔަސް އެ ކަންތަކަށް އަމަލު ކުރުމުގައި ދުނިޔޭގެ ގައުމުތަކުން ޚާއްސަކޮށް ބޮޑެތި ގައުމުތަކުން އަންނަނީ ފަސްޖެހެމުންނެވެ.

އެމެރިކާގެ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް ހޮވުމާއެކު ތިމާވެށީގެ އެއްބަސްވުންތަކަށް އަމަލުކުރުން އެމެރިކާއިން ހުއްޓާލި އެވެ. ދުނިޔެ ހޫނުވުމުގެ ވާހަކަތަކަކީ ބޭކާރު ވާހަކަތަކެއް ކަމަށް ބުނެ އެކަމަށް ޓަކައި ޚަރަދު ނުކުރަން ނިންމި އެވެ.

ބޮޑެތި ގައުމުތަކުން ތިމާވެށީގެ މައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭ ކަންތަކުގައި ފަހަތު ފަޔަށް ބަރުވެފައި ތިއްބާ ސައިންސްވެރިން ދައްކަން ފެށި ވާހަކަޔަކީ ދުނިޔެ ހޫނުވުމުގެ އަސަރު ކުދި ގައުމު ތަކެކޭ އެއްވަރަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ބޮޑެތި ގައުމުތަކަށް ވެސް ކުރާނެ ވާހަކަ އެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔެ ހޫނުވުމުގެ ސަބަބުން ޔޫރަޕާއި އެމެރިކާޔަށް އާދަޔާޚިލާފު ފިނި ގަދަ ފިނި މޫސުމާ ކުރިމަތިލާން ޖެހޭނެ އެވެ. މިކަން މިހާރު ވެސް މި ދެ ކޮންޓިނެންޓުގައި އަންނަނީ ތަހައްމަލު ކުރަމުންނެވެ. މިދިޔަ އަހަރު އަހަރުގެ ފިނި މޫސުމުގައި އެކަނި ވެސް ޓެކްސަސްއަށް އައި އާދަޔާ ޚިލާފު ފިނި މޫސުމުގެ ސަބަބުން 700 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

މިހާތަނަށް ބެލިފައިވާ ކަންތައްތަކާއި މިންގަނޑުތަކުން ވަޒަން ކުރާއިރު ދުނިޔެ ހޫނުވުމުގެ އަސަރު ގައުމުތަކަށް ކުރި ނިސްބަތުން އެންމެ ކުރީގައި އުޅެނީ ޖަރުމަނެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތް 10 ގައުމުގެ ތެރޭގައި ގިނައީ ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކެވެ. ޖަޕާނާ ކެނެޑާ އާއި އިންޑިއާ ވެސް ހިމެނޭ އެ ލިސްޓުގައި ކުޑަ ގައުމަކަށް އޮތީ މަޑަގަސްކަރަ އާއި ސްރީ ލަންކާ އެވެ.

އދ. ގެ ތިމާވެށްޓާ ބެހޭ ވޯކިންގެ ގްރޫޕުން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ވާގޮތުން ދުނިޔެ ހޫނު ވަމުން ދާމިންވަރު ވަރަށް ބޮޑަށް ދަށް ކުރަން ޖެހެ އެވެ. އެކަމަށްޓަކައި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.

ދުނިޔެ އާދަޔާ ޚިލާފަށް ހޫނުވުމާއި އާދަޔާ ޚިލާފަށް ފިނިވުމާއި މިއީ ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާނެ މައިގަނޑު ދެ މައްސަލަ އެވެ. އެ ދެމައްސަލައިގެ އަސަރުކުރުމުގައި ދުނިޔޭގެ ކުދި ބޮޑު ގައުމެއް ތަފާތެއް ނެތެވެ. އެހެންކަމުން މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަކީ އެންމެންގެ މައްސަލައެކެވެ.