ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ވަރަށް ގިނަ ބޭފުޅުން ފޯމު ހުށަހަޅުއްވާފައި ވާތީ، ދެ މުނާސަބަތެއްގައި މި އިނާމު ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް މިގޮތަށް ނިންމެވީ، ގައުމީ އިނާމާ ބެހޭ ކޮމިޓީއާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި، ގައުމީ އިނާމާއި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާބެހޭ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަވާގޮތާ ބެހޭގޮތުން ކޮމިޓީގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ފޯމު ހުށަހެޅުމުގެ މުއްދަތު، މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު ޖުމްލަ 270 ބޭފުޅަކު ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ. އަދި ގައުމީ އިނާމަށް މިއަހަރު 72 ބޭފުޅަކު ފޯމު ހުށަހަޅުއްވައިފައިވެ އެވެ.
ގައުމީ އިނާމާބެހޭ ކޮމިޓީއާ ރައީސް ސޯލިހު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިހާ ގިނަ ޢަދަދެއްގެ ބޭފުޅުން ކުރިމަތިލެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ. މިކަމާގުޅޭ ގޮތުން ކޮމިޓީގެ ޚިޔާލު ހޯއްދެވުމަށްފަހު، އެއް ޖަލްސާއެއްގައި އެހާ ގިނަ އަދަދެއްގެ ބޭފުޅުންނަށް އިނާމު ނުދެއްވޭނެތީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ވެސް މި އިނާމު ދެއްވުމަށް ރައީސް ނިންމެވީ އެވެ.
ކޮމިޓީގެ ޗެއާޕާސަން ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ދެއްކެވި ވާހަކަފުޅުގައި، ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް މިހާރު ނިމުމަކާ ހިސާބަށް އައިސްފައިވާ ކަމުގައި ވިދާޅުވި އެވެ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިއީ ދިވެހި ދައުލަތުގެ އިނާމަށް ފުރުޞަތު ހުޅުވާލި ފުރަތަމަފަހަރު ކަމަށްވާތީ، ފޯމު ފުރިހަމަކުރެއްވުމުގައި ބައެއް ބޭފުޅުންނަށް ވަރަށްގިނަ ދަތިތައް ކުރިމަތިވިކަން ފާހަގަކުރެއްވި އެވެ. އެގޮތުން ފޯމާއެކު ހުށަހަޅުއްވަންޖެހޭ ބައެއް ލިޔެކިޔުންތައް އެބޭފުޅުންނަށް ހުށަހެޅުއްވިފައިނުވާތީ އާއި، އަދި ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ، މިފަދަ އިނާމެއް ލިބިވަޑައިގަތުން ހައްގު، ގިނަ ބޭފުޅުން ތިއްބެވުމާއެކު، ފޯމުގައި ހިމެނޭ އެކި ބައިތަކާ ގުޅޭގޮތުން އިތުރަށް ހޯދަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުއްވުމަށް އެބޭފުޅުންނަށް އިތުރު ފުރުޞަތެއް ދެއްވަން ކޮމިޓީން ނިންމެވީ ކަމުގައި އަނީސާ ވިދާޅުވި އެވެ.
ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅުއްވާފައިވާ ފޯމުތަކުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތަކާ ގުޅޭގޮތުން އިނާމާބެހޭ ކޮމިޓީން އެ މުއައްސަސާތަކާއި އަދި އަމިއްލަގޮތުން ނަން ހުށަހެޅުއްވި ބޭފުޅުންނާ ކޮމިޓީން އެކަންކަން ހިއްސާ ކުރައްވާނެ އެވެ.
ދިވެހި ދައުލަތަށް އެކަނިތޭ ޚިދްމަތް ކުރެވެނީ ދެން ކޮބާ ރިސޯރޓްސް ތަކުގައި ޚިދްމަތް ކުރާ މީހުން އެމެން އެކުރާ ޚިދްމަތް ތަމެން ފާހަގަ ނުކުރަނީ އެއީ ކިއެއްވެތޭ ތިޔާ ގޮތެއް މަމެން ގަބޫލެއް ނުކުރާނަމޭ އިނގޭތޭ ތިޔާ އިނާމް ދޭ ގޮތް ބަދަލު ކުރާށޭ އިނގޭތޭ ބަދަލުކުރޭ އަކުން ބަކުން ކުޅެނީތޭ ތަމެން ތިތާ ތިބެގެން...