ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފްލެޓްތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މަޖިލީހުގެ ޕެޓީޝަން ކޮމެޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށް ނިންމައިފި އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވީ، ހިޔާ ފްލެޓުތަކާ ގުޅިގެން ރައީސް ސޯލިހާ ކޮމިޓީން ބައްދަލުކުރުމަށް ގިނަ މެމްބަރުން ހިޔާލު ހުށަހެޅުއްވި ކަމަށެވެ. އަދި އެކަން ކުރެވިދާނެ ކަމަށް ރައީސް އޮފީހުން މިހާރު ބުނެފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ނިންމީ، ރައީސްއަށް ފަސޭހަ ވަގުތެއްގައި އެ ބައްދަލުވުން ހަމަޖެއްސުމަށެވެ.

ރައީސް ސޯލިހު ކޮމެޓީއަށް ހާޒިރުކުރަން ނިންމިއިރު ހިޔާ ފްލެޓްގެ މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކޮމެޓީއަށް ހާޒިރުކުރުމަށް ވަނީ މީގެ ކުރިން ނިންމާފަ އެވެ. އެގޮތުން އެބޭފުޅުން ކޮމެޓީއަށް ހާޒިރުކުރުމަށް ނިންމާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ފްލެޓް ލިބުނު މީހުންގެ ހައްގުގައި ވަކާލަތުކުރަމުން އަންނަ "ހިޔާ ޔޫނިއަން" އިން 2،177 މީހުންގެ ސޮޔާ އެކު ކޮމިޓީއަށް ހުށަހެޅި ޕެޓިޝަންގައި ވަނީ ފްލެޓްތަކުގެ މަހު ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި އިންޓީރިއާ އާއި ފިނިޝިން އަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް، ޖުމުލަ އަގުން އިންޓީރިއާއަށް ހޭދަވާ އެއް ލައްކަ ރުފިޔާ މާފުކޮށްދިނުމަށް އެދިފަ އެވެ.

ހިޔާ ފްލެޓްގެ ކުއްޔަށް މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގަން ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. ފްލެޓް އެޅުމަށް ނެގި ލޯނު އަނބުރާ ދައްކަން ޖެހޭތީ ކުލި ކުޑަކުރެވެން ނެތް ކަމަށް ސަރުކާރުން ބުނެ އެވެ.

މިހާރު ހިޔާ ފްލެޓްތަކަށް ކަރަންޓް ދިނުމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ހިޔާ ފްލެޓްގައި ދިރިއުޅެމުންނެވެ. އެހެން ނަމަވެސް އެސަރަހައްދުގައި އަދިއެއްވެސް އަސާސީ ހިދުމަތްތެއް ލިބޭކަން ނުހުރެ އެވެ. މިކަމާ ގުޅިގެންވެސް ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.