ތިން ގައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.
ސަފީރުކަމުގެ ފަތްކޮޅު ޙަވާލު ކުރަށްވާފައިވަނީ، މޮރިޝަސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން ރެޒިޑެންޓް ސަފީރު ސާންތީ ބާއީ ހަނޫމާންޖީ އާއި، ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އަންޑުރޭޒް ލެސްޒްލޯ ކިރަލީ އާއި، އާޖެންޓީނާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޑރ. އޫގޯ ހާވިއެރް ގޯބީ އެވެ.
ތިން ސަފީރުންގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ވަކިވަކި ބޭއްވެވި ރަސްމިއްޔާތުތަކުގައި، ފަތްކޮޅު އެރުވުމަށްފަހު ރައީސް ސޯލހު ވަނީ ސަފީރުންނާއި، ބައްދަލުކުރައްވައި، އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ އެބޭފުޅުންގެ ސަފީރުކަމުގައި ރާއްޖެއާއި އެ ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން އާޖެންޓީނާގެ އައު ސަފީރު ފަތްކޮޅު އެޜުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ދެއްވެވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފަ އެވެ. އާޖެންޓީނާގެ ސަފީރު ވަނީ ރާއްޖެއާއި އާޖެންޓީނާއާ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފަ އެވެ. މިގޮތުން އަބަދުވެސް ރާއްޖެއަށް އާޖެންޓީނާއިން އެއްބާރުލުން ދެއްވާނެ ކަމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ އިސް ދައުރެއް އަދާކުރާތަން ދެކިވަޑައިގަތުމަށް ބޭނުންފުޅުވާކަން އާޖެންޓީނާ ސަފީރު ފާހަގަކުރެއްވި އެވެ.
އާޖެންޓީނާގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އާޖެންޓީނާއަކީ ރާއްޖޭގެ އެކުވެރިއެއް ކަމަށާއި، އަބަދުވެސް ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. މިގޮތުން، ސަފީރު ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާ ގުޅޭގޮތުން، ޚާއްސަކޮށް ކަނޑުފަޅު ހިމާޔަތްކުރުމާއި ގުޅިގެން ދިވެހިރާއްޖެ މިސާލަކަށް ބަލައި މަސައްކަތްކުރެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ.
މީގެ އިތުރުން ވެސް ދެ ބޭފުޅުން ވަނީ ފަތުރުވެރިކަމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީ އާއި ގުޅޭގޮތުން އަދި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. ރައީސް ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމަށް ތައްޔާރުވުމުގައި އާޖެންޓީނާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މޮރިޝަސްގެ ސަފީރުގެ ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި ދެބޭފުޅުން ވަނީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިންނާއި، އިމްޕޯޓް އެކްސްޕޯޓް އިތުރުކުރުމާއި ގުޅޭގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންނާއި، ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުންނާއި، ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުންދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.
ހަންގޭރީގެ އައު ސަފީރާ ރައީސް ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރާއްޖެއާއި ހަންގޭރީއާ ދެމެދުގައިވާ ގުޅުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި، ރައީސް ވަނީ އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ހަންގޭރީގެ ސަރުކާރުން ދެއްވެވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހު ވަނީ ހަންގޭރީއާއެކު ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ހާމަކުރައްވާފަ އެވެ. އަދި، ހަންގޭރީގެ ސަފީރު ވަނީ ތަޢުލީމީ ދާއިރާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ސްކޮލާޝިޕް ފުރުސަތުތަކެއް ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ހަންގޭރީގެ ސަރުކާރުން ކުރައްވަމުންދާކަން ފާހަގަކުރައްވާފަ އެވެ.
އަދި، ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި އަިގްތިސާދުގެ ދާއިރާއިންނާ، މަސްވެރިކަމާއި، ސިއްހީ ދާއިރާގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ މަތީފަންތީގެ ވާހަކަފުޅުތަކާއި، ކޮންސިއުލާ ޚިދުމަތް ދިނުމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ވެސް ހަންގޭރީގެ ސަފީރު ވަނީ ރާއްޖެއަށް އިތުރަށް ކާބޯތަކެތި ލިބޭނެގޮތް ކަށަވަރުކުރުމާއ، ފަތުރުވެރިކަން އަދި ފެން މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި، ސަފީރުގެ ވާހަކަފުޅުގައި ދެ ގައުމަށް ފައިދާކުރަނިވި ދާއިރާތަކުން ރާއްޖޭގައި ވިޔަފާރީގެ ގުޅުން ގާއިމުކުރުމުގެ މައްޗަށް ވެސް ވަނީ ބައްލަވާލައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދުގައި މިފަހުން ބޭއްވުނު އިސްވެރިންގެ ބައްދަލުވުމަށް އަލިއަޅުއްވާލެއްވި އެވެ. އަދި، މި ބައްދަލުކުރެއްވުމުގެ ސަބަބުން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންނާ ދެމެދުގައިވާ ގުޅުން ކުރިޔަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމުގައި ވަނީ ވިދާޅުވެފަ އެވެ.
ރައީސް އާއި ހަންގޭރީގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ގައުމުން ވެސް ވަަރަށް އިސްކަން ދޭކަމެއްކަން ފާހަގަކުރައްވައި ބައިނަލްއަގުވާމީ މައިދާނުގައި މިކަމަށް ދެ ގައުމުން ވެސް ގުޅިގެން އަޑުއުފުލުމުގައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމަށް ތައްޔާރުވުމުގައި ހަންގޭރީއާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މި ސަރުކާރަށް އެއް ކަމެއް ވެސް ޚާރިޖީ ދާއިރާއިގައި ނެތޭ ވެފައި މެލޭޝިއާ ގައި ދިވެހިން އެބައުޅޭ 10 ހާހަށް ވުރެން ގިނައިން މާލެ ސަރަހައްދުގައި ނެތޭ މެލޭޝިއާގެ އެމްބަސީ އެއް ދެން ސިންގަޕޯރ އަކީ އެއީ އެގައުމުގެ ވަރަށް ގިނަ އިންވެސްޓަރުން ރާއްޖޭގައި ތިބި ތަނެއް އެގައުމުގެ އެމްބަސީ އެއް ވެސް ރާއްޖޭގައި ނެތް ދެން އަނެއް ކޮޅުން ދިވެހި ވިޔަފާރިވެރިން އަބަދު ދަތުރު ކުރާ ތަނެއް ތައިލެންޑަކީ އެގައުމުގެ އެމްބަސީ އެއްވެސް ނެތޭ މިގައުމަކު ދެން ކޮބާތޭ އިނގިރޭސި އެމްބަސީ އެވެސް ނެތްދޯ ޚާރިޖީ ވަޒީރު ޖެހޭނެއޭ