ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓް ލިބިފައި އޮއްވައި ފްލެޓް ގެއްލުނު މީހަކު ދައުވާކުރުމުން، އެހެން މީހަކަށް އެ ފްލެޓް ނުދީ މަޑުޖައްސާލަން ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަކުރި ސަޕޯޓް ސާވިސް ކެޓަގަރީން މީހަކަށް ފްލެޓް ލިބިފައިވާކަން އަންގާފައިވާ ވަނިކޮށް ފަހުން ސަރުކާރުން ވަނީ އޭނާއަށް ފްލެޓް ނުދޭން ނިންމައިފަ އެވެ.

މިކަމާ ގުޅިގެން އެމީހާގެ ފަރާތުން ސިވިލް ކޯޓަށް ފްލެޓް ހޯދަށް ހުށަހެޅި މައްސަލާގައި، އެ މައްސަލަ ނިމެންދެން އެހެން ފަރާތަކަށް އެ ފްލެޓް ނުދޭން ވަގުތީ އަމުރެއް ނެރެން އެ މީހާގެ ފަރާތުން އެދުނެވެ. އެކަމަކު ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެނުދެވޭނެ ކަމަށެވެ.

ސިވިލް ކޯޓުން އެގޮތަށް ނިންމުމުން އެމީހާ އެމައްސަލަ ހައިކޯޓަށް އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރި ހުކުމުގައިވަނީ މައްސަލަ ނިމޭ ގޮތަކުން އެ މީހާއަށް އަލުން ފްލެޓް ދޭން ޖެހިއްޖެ ނަމަ، އެ މީހާއަށް އަވަސް މުއްދަތެއްގެ ތެރޭގައި ފްލެޓެއް ދެވޭނެ ކަމުގެ ޔަގީންކަން ދައުލަތުން ދީފައި ނުވާ ކަމަށެވެ. އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، އެއީ އެ މީހާއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށާއި އެހެންވެ، އޭނާއަށް ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް އެބައޮތް ކަމަށް އެ ހުކުމުގައިިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފްލެޓް ލިބޭނެ މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތް އޮތުން ތަންފީޒު ކުރަން ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރަން ހައުސިން މިނިސްޓްރީ އާއި ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އަންގާ ކަމަށެވެ.

މިއީ ހިޔާ މަޝްރޫއުގެ ފްލެޓެއް ގެއްލުނު މީހެއްގެ މައްސަލާގައި ކޯޓަކުން އެފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.

އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުން ހެދުމަށްފަހު އެތަން ހަވާލު ކޮށްފައިވާއިރު، ގިނަ ބަޔަކު މިހާރު ދަނީ އެތަނަށް ބަދަލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ހިޔާ ފްލެޓަށް ބަދަލުވެ އެތަނުގައި ދިރިއުޅެން ފަށާފަ އެވެ.