މުޅި ދުނިޔެއަށް އަބްދުﷲ ޝާހިދު އެ ސާބިތުކޮށްދިނީ މި ރާއްޖޭގައި ބާތިލް ދީންތަކަށް ފުރުޞަތު ހޯދައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙާއްމަދު ސޯލިހުގެ ސަރުކާރުން ފާޅުގައި ކުރަމުން ގެންދާ މަސައްކަތް ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު ނަސާރާ ދީނުގެ ފައްޅިއެއްގައި ބޭއްވި އަޅުކަމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމާ ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ޝާހިދަށް ރައްދު ދެއްވަމުންނެވެ.

އަދުރޭ ވިދާޅުވީ ޝާހިދު ސާބިތު ކޮށްދެއްވީ އެޖެންޑާ-19ގެ ތަފާތު ކަމަށާއި ހިތާމައިގެ ކޮޅެއް ވެސް ނެތް ކަމަށެވެ. އަދި ގައުމާ ދީނުގެ ޙައްގުގައި މިއަދު ރައްޔިތުން ތެދުވާން އެބަޖެހޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޝާހިދު ބައިވެރިވި ރަސްމިއްޔާތަކީ އދ.ގެ އާންމު މަޖިލީސް އާ ދައުރަކަށް ފެށުމާއި ގުޅިގެން، ވެޓިކަން ސިޓީން ކަނޑައަޅާފައިވާ މިޝަނުން އިންތިޒާމު ކޮށްގެން ބޭއްވި އަޅުކަމުގެ ރަސްމިއްޔާތެކެވެ. މިރަސްމިއްޔާތުގެ ފޮޓޯތައް ހޯލީ ސީގެ ޓުވިޓާ އެކަންޓުން ވަނީ އާއްމުކޮށްފަ އެވެ. މިފޮޓޯތަކުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ބައިވެރިވި ތަން ފެންނަން އެބަހުއްޓެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު އޭގެ ތެރޭގައި އިލްމީ ބޭފުޅުން ވެސް ހިމެނެ އެވެ. އެގޮތުން ގިނަ ބަޔަކު ވަނީ މިއީ ޝިރުކުގެ އަމަލެއްގައި ބައިވެރިވުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.