ބެންކޮކް (16 ސެޕްޓެމްބަރު) - ތައިލެންޑްގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު އެ ގައުމުގެ ވެރިރަށް ބެންކޮކް އެހެން ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް ބެންކޮކްގެ އިދާރާތަކުން ބުނެފި އެވެ.

މި ނިންމުމަކީ އެ ގައުމުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރާއި ބެންކޮކްގެ ގަވަރުނަރު އަސްވިން ވަންމުއަންގް އާ ދެމެދު ބޭއްވުނު މަޝްވަރާ ތަކަކަށްފަހު ނިންމި ނިންމުމެކެވެ.

ތައިލެންޑްގެ ސިއްހީ އިދާރާތަކުން ލަފާކުރާގޮތުގައި އަންނަ މަހުގެ 15 އާ ހިސާބަށް އެ ގައުމުގެ އާބާދީގެ 70 ޕަސެންޓަށް ވެކްސިން ދެވޭނެ އެވެ. މަޝްވަރާތަކަށްފަހު ޓޫރިޒަމް މިނިސްޓަރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބެންކޮކްގައި އުޅޭ ރައްޔިތުންގެ ސަލާމަތަށްޓަކައި އެ ސަރަހައްދު ހުޅުވާލާއިރު 70 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދިނުން މުހިންމު ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އާބާދީގެ 70 ޕަސެންޓް މީހުންނަށް މިހާރު ވެސް ކޮވިޑް 19 ވެކްސިންގެ ފުރަތަަމަ ޑޯޒު ދެވިފައި ވީ ނަމަވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ އެންމެ 37 ޕަސެންޓް ކަމަށެވެ. ބާކީ 33 ޕަސެންޓަށް އޮކްޓޯބަރު މަހުގެ ފުރަތަމަކޮޅު ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވެރިރަށް ބެންކޮކް ހުޅުވުމަކީ ޕެންޑަމިކަށް ފަހު ތައިލެންޑްގެ އިގްތިޞާދު އަލުން ފަށައިގަތުމަށް އެ ގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ. އެގޮތުން މިދިޔަ ޖޫން މަހު އެ ގައުމުގެ ބޮޑުވަޒީރު ވަނީ ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ގައުމު އެއްކޮށް ހުޅުވާލާނެ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން ތައިލެންޑްގެ ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ޕުކެޓް ވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް ހުޅުވާލާފަ އެވެ.

ބެންކޮކްގެ އިތުރުން އެހެން ގައުމުތަކުގެ ފަތުރުވެރިންނަށް ހުޅުވާލުމަށް ތައްޔާރު ވެފައިވާ ޕްރޮވިންސް ތަކުގެ ތެރޭގައި ޗޮންބުރީ، ޕެޗްބުރީ އާއި ޗިޔާންގް މައި ހިމެނެ އެވެ. -- ޗެނަލް ނިއުސް އޭޝިއާ