މުސާރައިގެ ކުރިއެރުން ނުލިބޭ މައްސަލައިގައި ދިވެހި ސިވިލް ސާވަންޓުން ކަޅު ހެދުމުގައި އިހުތިޖާޖަށް ނިކުމެއްޖެ އެވެ.

ސިވިލް ސާވެންޓުންގެ އެސޯސިއޭޝަނުން މިދިޔަ ހަފުތާގައި އިއުލާނުކޮށްފައިވާ މި އިހުތިޖާޖަކީ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބާއްވާ ހިމޭން އިހުތިޖާޖެކެވެ.

މި އިހުތިޖާޖާ ގުޅިގެން ސަރުކާރުން އެއްވެސް އިޖާބައެއް ނުލިބިއްޖެނަމަ ހޯމަދުވަހު މުވައްޒަފުން މަސައްކަތަށް ނުނިކުންނާނެކަން އެ އެސޯސިއޭޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.

ސިވިލް ސާންވަންޓުންގެ މައިގަނޑު ޑިމާންޑުތަކެއްގެ ގޮތުގައި ވަނީ މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނައުމާއި، ސެޓްފިކެޓަށް ވަޒީފާގެ ކުރިއެރުން ދިނުމާއި އަދި މިނިމަމް ވޭޖް އަވަސްކޮށް ދިނުމަށް އެދި އެވެ. މީގެ އިތުރުން ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ލިވިން އެލަވަންސް ސިވިލް ސާވިސް މުވައްޒަފުންނަށް ދިނުމަކީ ވެސް މި އިހުތިޖާޖުގައި ކުރާ އެއް ޑިމާންޑެވެ. އަދި ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުމަށް ވެސް އެދެ އެވެ.

ސިވިލް ސާވިސް އެސޯސިއޭޝަނުން ބުނާ ގޮތުން ސިޔާސީ މީހުންގެ މުސާރަތަކާއި ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކަށް ބޮޑެތި މުސާރަ ހަމަޖައްސާއިރު އެންމެ ބުރަ މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވެސް މުސާރަ އާއި އިނާޔަތްތައް ރަނގަޅު ކުރެވެން ޖެހޭނެ އެވެ.

ސިވިލް ސާވެންޓުންނަކީ އަގެއް ހުރި ބައެއްކަން ސަރުކާރުން ބަލައިގަންނަންޖެހޭ ކަމަށާއި ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ކޮންމެ އަހަރަކު ވެސް ބޯނަސް ދޭންޖެހޭ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.

މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އިހުތިޖާޖަށް ނުކުންނަން ނިންމިއިރު، ޕައިލެޓުންގެ މުސާރަ އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ވަޒީފާގެ ކުރިއެރުން ނުލިބި ލަސްވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފައިވެ އެވެ. އެ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ސިވިލް ސާވަންޓުންގެ ގޮތުގައި 26،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެގޮތުން 16،000 އަށްވުރެ ގިނަ އަންހެނުން ސިވިލް ސާވިސްގައި މަސައްކަތްކުރެ އެވެ.