ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުން ބުނީ ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން ރައީސް ސޯލިހަށް މަރުޙަބާ ދެންނެވީ އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ޝާހިދާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ސޯލިހު ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ތަގުރީރު ކުރައްވާނީ ދިވެހި ބަހުންނެވެ.

ރައީސް ސޯލިހު އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.