މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދޮގު ބަޔާން ދިން މައްސަލާގެ އަޑުއެހުން ކްރިމިނަލް ކޯޓުން ފަސްކޮށްފި އެވެ.

މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ޑރ މުއިއްޒު ދޮގު ހެކިބަސް ދެއްވާފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ފަސްކުރީ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދާތީ އެވެ. ސަބަބަކީ މުއިއްޒުގެ ވަކީލުންގެ ޓީމުގައި ތިއްބަވާ ބައެއް ވަކީލުން ޔާމީންގެ މައްސަލާގައި ވެސް ވަކާލާތު ކުރައްވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އެކި ރަށްތަކުގައި 1،100 ހައުސިން ޔުނިޓް އެޅުމަށް ނޫމަޑިއާއެކު ހެދި އެއްބަސްވުން، ކުރީގެ ސަރުކާރުގައި ބާތިލްކުރި މައްސަލާގައި ބަދަލުގެ ގޮތުގައި އެކުންފުންޏަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑިއަށް ދީފަ އެވެ.