ޓައިޕޭ (20 ސެޕްޓެމްބަރު) - ޓައިވާނުގެ މަޝްހޫރު މޭވާއެއް ކަމަށްވާ އަތަ އިމްޕޯޓުކުރުން ޗައިނާއިން ހުއްޓާލުމާއެކު އެ ގައުމު ގޮވައިގެން ޓައިވާނުން ދުނިޔޭގެ އިގްތިސާދު ޖަމިއްޔާ (ޑަބްލިއުޓީއޯ)އަށް ދާނެ ކަމުގެ އިންޒާރު ދީފި އެވެ.
ޗައިނާއިން ޓައިވާންގެ އަތަ އިމްޕޯޓްކުރުން ހުއްޓާލިކަން އިއުލާން ކުރީ މި ދިޔަ އާދީއްތަ ދުވަހު އެ ގައުމުން ގެންނަ، އަތަތަކުން ސޫފާސޫފި ފެންނަ ކަމަށް ބުނެ އެވެ.
ޗައިނާގެ ކަސްޓަމްސް އެޑްމިނިސްޓްރޭޝަނުން ވަނީ ޓައިވާނުން ގެންނަ އަތަ ޝިޕްމަންޓްތަކުގައި ތަކުރާރުކޮށް ޕްލަނޮކޮކަސް ނަމަކަށް ކިޔާ ސޫތްޕެއް ފެންނަ ކަމަށް ބުނެ ގުއަންޑޮންގްގެ އިތުރުން އެހެން ކަސްޓަމްސް ބްރާންޗްތަކަށް ވެސް އަތައިގެ ޝިޕްމަންޓްތައް ކްލިއާ ކުރުން ހުއްޓާލުމަށް އަންގާފަ އެވެ.
މިކަމާ ގުޅޭ ގޮތުން ޓައިވާނުގެ ކައުންސިލް އޮފް އެގްރިކަލްޗާ މިނިސްޓަރު ޗެން ޗީ ޗުން ވިދާޅުވީ ޗައިނާގެ އަމަލުތައް ހުރީ ބައިނަލްއަގްވާމީ އިގްތިސާދުގެ އުސޫލުތަކާ ޚިލާފުވާ ގޮތަށް ކަމަށާއި އެއްވެސް ސައިންޓިފިކް ހެއްކެއް ނެތި އެ ގައުމުން އަތަ އިމްޕޯޓު ކުރުން ހުއްޓާލުމަށް ނިންމި ނިންމުން ބަލައިނުގަނެވޭނެ ކަމަށެވެ.
އެއާއެކު މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ދެގައުމުގެ މެދުގައި މި މައްސަލައާ ބެހޭ ގޮތުން މަޝްވަރާތައް ބާއްވަން ޗައިނާއިން ނޫޅެފިނަމަ އެގައުމާ ދެކޮޅަށް ދުނިޔޭގެ އިގްތިސާދު ޖަމިއްޔާއަށް މައްސަލަ ހުށައަޅާނެ ކަމަށް ޓައިވާނުން ވަނީ ބުނެފަ އެވެ.
ޓައިވާނާއި ޗައިނާއާ ދެމެދު ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި ކުރިމަތިވި މި މައްސަލައަކީ ދެގައުމުގެ ގުޅުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތި ކުރުވާނެ ކަމެކެވެ.
މިއީ މި އަހަރު ތެރޭގައި ޗައިނާއިން ޓައިވާނުގެ މޭވާ އިމްޕޯޓް ކުރުން ހުއްޓާލި ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ ފެބްރުއަރީ މަހު ޗައިނާއިން ވަނީ ނުރައްކާތެރި ދިރޭ ތަކެތި ފެންނަ ކަމަށް ބުނެ ޗައިނާގެ އަލަނާސި އެތެރެ ކުރުން ވެސް މެދުކަނޑާލާފަ އެވެ.
އަތައަކީ ޓައިވާނުގައި ފުޅާ ދާއިރާއެއްގައި ހައްދާ މޭވާއަކަށް ވާއިރު ޗައިނާއަކީ އެގައުމުން އަތަ އެކްސްޕޯޓު ކުރާ މައިގަނޑު އެއް މާކެޓެވެ. – ދަ ސްޓްރެއިޓް ޓައިމްސް