ޓޫރިޒަމް މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް ޖިންސީ ގޯނާއެއް ނުކުރާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ މައްޗަށް ޓޫރިޒަމް މިނިސްޓްރީގެ 15 މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދުދެއްވާ ވާހަކަ ދައްކަވަމުންނެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން އަލީ ރޭ ދެއްވި ޕްރެސް ކޮންފަރެންސްއަކީ ވަޒީރުކަމުން ވަކިކުރި ފަހުން މީޑިއާތަކާ ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ވެސް އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ޕްރެސް ކޮންފަރެންސް ބާއްވަން އުޅުނު ދުވަހު އިނގިރޭސި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

އޭނާ ވިދާޅުވީ މަގާމުން ވަކިކުރި ފަހުން މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. ޖުލައި 19 ވަނަ ދުވަހު އޭނާ ޕޮލިހަށް ގެންދިޔަ ނަމަވެސް ތުހުމަތު ކުރެވޭ އެއްވެސް ކަމަކާއި ގުޅިގެން ސުވާލެއް ނުކުރާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާގެ މައްސަލާގައި 15 މީހުންނަށް ޖިންސީ ގޯނާކުރި ކަމަށާއި، 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ބުނިއިރު، އެއީ ކޮން ޖިންސެއްގެ ފަނަރަ މީހުން ކަމެއްކަން ވެސް ހާމަކޮށްފައިނުވާ ކަމަށެވެ. އަދި އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާއަކީ ކޮބައިކަން ވެސް އެނގިވަޑައިގަތީ ނޫސްތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވަމުން އޭނާ ވިދާޅުވީ އެ ތުހުމަތުތަކަކީ އޭނާ ފްރޭމްކުރަން ކުރި ކަމެއް ކަމަށެވެ. އެ ކަމުގެ ފަހަތުގައި ތިއްބެވީ އެމްޑީޕީގެ ބައެއް ބޭފުޅުން ކަމުގައި އަލީ ވަހީދު ވިދާޅުވި އެވެ.

އެއީ އއ. އުކުޅަހުގައި އޮތް އެމްޑީޕީގެ ކޮންގްރެސްގައި "ބަޣާވާތް ކުރި" ބައެއް ކަމަށް އަލީ ވިދާޅުވެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ފަރާތްތަކުގެ ނަންތައް ވެސް ހާމަކުރައްވާނެ ކަމަށް އަލީ ވިދާޅުވި އެވެ.

ރާއްޖެއިން ފުރައިގެން ދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން ކަމަށާއި އެހުރިހާ ކަމެއްވެސް ސަރުކާރުގެ ފަރާތްތަކަށް އެނގޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު މީޑިއާތަކަށް ވިދާޅުވީ އަލީ ފުރައިގެން ދިޔަކަން އެނގުނީ މީޑިއާތަކުން ރިޕޯޓްކުރުމުން ކަމަށެވެ.