ރާއްޖެއިން ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ މީހުން އެނގޭނެ ޑިޖިޓަލް ޕާސްޕޯޓެއް ތައާރަފުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެމެޖެންސީ (އެޗްޕީއޭ)އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ covidsafe.gov.mv މެދުވެރިކޮށް އެ މީހަކު ފުރިހަމަކޮށްފައިވާ ވެކްސިންގެ ޑޯޒުތަކާއި، އެ މީހެއްގެ ކަރަންޓީނު ހާލަތާއި، އެންމެ ފަހުގެ ކޮވިޑް ޓެސްޓްތަކުގެ ނަތީޖާ ފެންނާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދަތުރު ކުރުމުގައި އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވެކްސިން ފުރިހަމަކުރުމުން ދޭ ލުއި ލިބުމަށްޓަކައި ޕާސްޕޯޓް އޮތުމުން ފަސޭހަވެގެންދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ރާއްޖެއިން ބޭރުގައި ދަތުރުކުރުމަށާއި، ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައި ބޭނުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕޯޓަލް ބޭނުންކުރާނެ ގޮތް:

  • covidsafe.gov.mv ޕޯޓަލް އަށް ވަނުމުން އައިޑީކާޑު/ ޕާސްޕޯޓު ނަމްބަރު ޖެހުމަށްފަހު ފޯނު ނަމްބަރު ޖަހަން އަރާނެ- ޕޯޓަލް އަށް ވަދެވޭނީ އޯޓީޕީ ޖެހުމަށް ފަހު.
  • މައުލޫމާތުތައް ރައްކާތެރިކުރުމަށް ޕޯޓަލް އަށް ވަދެވޭނީ އެޗްޕީއޭ އަށް ކުރިން ދީފައިވާ ފޯނު ނަމްބަރުން އެކަނި.
  • އެ މީހެއްގެ ކޮވިޑް ސްޓޭޓަސްގެ މައުލޫމާތު ކިއުއާރު ކޯޑަކުން އެހެން މީހުންނަށް ވަކި ވަގުތެއް ވަންދެން ހިއްސާކުރެވޭނެ އަދި ވެކްސިން ސެޓްފިކެޓް ޕްރިންޓުކުރެވޭނެ.

މިހާރު ވެކްސިން ޖެހި މީހުން ދެނަގަތުމަށް އެޗްޕީއޭއިން ވަނީ ކާޑެއް ދޫކޮށްފަ އެވެ. އެހެން ނަމަވެސް ބައެއް ގައުމުތަކުން އެކާޑު ބަލައިނުގަންނަ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. މިކަމާ ގުޅުގެން މީގެ ކުރިން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.