ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން އާއި އޭނާގެ ދަރިފުޅު ޔުގް ދޭވްގަން އާއެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއަށް ގިނަ ބަޔަކުގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މިހާރު ބޮލީވުޑުގައި އެންމެ ބިޒީ ޝެޓިއުލެއްގައި މަސައްކަތް ކުރަމުން އަންނަ އެކްޓަރު އަޖޭ ރާއްޖެ އައިސްފައި ވަނީ ޑިސްކަވަރީ ޗެނަލްގެ މަޝްހޫރު ރިއަލިޓީ ޝޯ "އިންޓު ދަ ވައިލްޑް ވިތް ބެއާ ގްރިލްސް"ގެ މަންޒަރުތައް ވ. އަތޮޅުގައި ނެގުމަށެވެ.

މިދަތުރުގައި އަޖޭގެ ދަރިފުޅު ޔުގް ދޭވްގަންވެސް ވަނީ ބައިވެރިވެފަ އެވެ. އަދި ޔުގްގެ 11 ވަނަ އުފަންދުވަސް ވެސް ފާހަގަކޮށްފައި ވަނީ ރާއްޖޭގަ އެވެ.

https://www.instagram.com/p/CUMPt5HI_eg/

އަޖޭގެ ސޯޝަލް މީޑިއާ އެކުންޓްތައް މެދުވެރިކޮށް ހިއްސާކޮށްފައިވާ ފޮޓޯގައި ފެނިގެންދަނީ އަޖޭ އާއި ޔުގް ލޯންޗެއްގައި ދަތުރުކުރަމުންދާ މަންޒަރެ އެވެ. އަދި މިދަތުރުގައި ޔުގް މަޖާކުރަމުން އަންނަކަން ވެސް ފާހަގަ ކޮށްލެވެ އެވެ.

މިފޮޓޯއާއެކު އަޖޭ ލިޔެފައި ވަނީ މިކުރު ޗުއްޓީގައި ވަރަށް ގިނަ ހަނދާންތަކެއް އެކުލެވޭ ކަމަށެވެ. މިއީ ވަރަށް ވެސް އުފާވެރި ޗުއްޓީއެއް ކަމަށް ވެސް އަޖޭ ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް އަޖޭ ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފަ އެވެ.

https://www.instagram.com/p/CTyQrCLIabH/

އަޖޭ މިހާރު އަންނަނީ އޭނާގެ ފަހުގެ ވެބް ސީރީޒް ޑިޒްނީ ޕްލަސް ހޮޓްސްޓާގެ "ރުދުރާ: ދި އެޖް އޮފް ޑާކްނެސް" ގެ މަސައްކަތްކުރަމުންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.

https://www.instagram.com/p/CSOd1h7oYl8/

އަޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އާއި އެސްއެސް ރާޖަމޯލީގެ އާރްއާރްއާރް" އާއި އިންދަރު ކުމާރުގެ "ތޭންކް ގޯޑް" އާއި އަމިތު ޝަރުމާގެ "މައިދާން" ގެ އިތުރުން އަމިއްލަ އަށް ޑައިރެކްޓްކޮށް، ކުޅޭ "މޭޑޭ" ހިމެނެ އެވެ.

މިހާރަކަށް އައިސް ބޮލީވުޑުގެ ގިނަ ތަރިން ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އާދެ އެވެ. މީގެ އިތުރުން އެތަރިންގެ އުފަންދުވަސް ފާހަގަ ކުރުމަށް އަންނަ މަންޒިލަކީވެސް މިހާރު ރާއްޖެ އެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ.