ވެންޓިލޭޓަރުގެ މައްސަލައިގައި މަގާމުން ވަކިކުރަން އެމްޑީޕީގެ ޕްރެޝަރު ބޮޑުވުމުން، ހެލްތު މިނިސްޓަރުކަމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވައިފި އެވެ.

އަމީން އިސްތިއުފާ ދެއްވީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް އަމީން އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގަ އެވެ. އޭނާ އިސްތިއުފާ ދެއްވިއިރު، އެމްޑީޕީގެ 24 މެމްބަރެއްގެ ސޮޔާއެކު، މަގާމުން ދުރުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ވައްދައިފަ އެވެ.

މަގާމުން އިސްތިއުފާ ދެއްވައި ރައީސް ސޯލިހަށް ފޮނުވި ސިޓީގައި އަމީން ވިދާޅުވެފައި ވަނީ، މަގާމުން ދުރުކުރުމަށް "ވާންކުރުމަކީ" އެއީ ކޮންމެހެން އޭނާ އަށް އަމާޒުވާ "އެތިފަހަރެއް" ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަދި މި ހާލަތާ ގުޅިގެން މަނިކުފާނާ ކުރެވުނު މަޝްވަރާ އިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެންކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލު ކުރެވޭތީ މިއަދުން ފެށިގެން މިނިސްޓަ އޮފް ހެލްތުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" އެ ސިޓީގައި އަމީން ވިދާޅުވެފައިވެ އެވެ.

އަމީންގެ މައްޗަށް އޭސީސީން ތުހުމަތު ކުރަނީ ޑަބްލިއުއެޗްއޯއިން ލަފާ ހޯދައިގެން ކަމަށް ބުނެ އޮޅުވާލުމާއި ހީލަތުގެ ތެރެއިން 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒިކިއުޓާޒް ޓްރޭޑިންއަށް ދިނުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ނުލިބެނީސް އެތަކެތީގެ އަގުގެ 90 ޕަސެންޓަށްވާ ފައިސާ ކަމަށްވާ 30 މިލިއަނެއްހާ ރުފިޔާ ގެރެންޓީއެއް ނެގުމަކާ ނުލާ އެ ކުންފުންޏަށް ދީ ދައުލަތަށް ގެއްލުމެއް ވެދާނެ ގޮތަށް ވަނީ އަމަލުކޮށްފައި ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުންނާއި އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ. ނަމަވެސް، އަދި ލިބިފައި ވަނީ 10 ވެންޓިލޭޓަރެވެ. އަދި ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނޭ ތާރީހެއް ވެސް އެ ކުންފުނިން ދީފައެއް ނުވެ އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވުމުން ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ އަނބުރާ ޕީޖީއިން ފޮނުވާލުމުން އޭސީސީއިން މިއަދު ބުނެފައި ވަނީ ޕީޖީއިން ފާހަގަކޮށްފައި ހުރި ކަންކަމަށް ރިއާޔަތްކޮށް ފުލުހުންނާ އެކު އަލުން އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

މިއީ އެމްޑީޕީގެ ޕްރެޝަރަށް މަގާމުން އިސްތިއުފާ ދެއްވި މި ސަރުކާރުގެ ދެވަނަ ވަޒީރެވެ. މީގެ ކުރިން ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފް ވެސް ވަނީ އެމްޑީޕީގެ ޕްރެޝަރަށް ކެތްނުކުރެވިގެން އިސްތިއުފާ ދެއްވައިފަ އެވެ. އަދި ޖިންސީ ގޯނާގެ ތުހުމަތުގައި އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުން ވެސް ވަކިކުރައްވާފައިވެ އެވެ.