ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ޑޮކްޓަރަށް ދެއްކުމަށް އެކުވެނި ސަރަހައްދުގައި ހުންނަ ކުރީގެ ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް) އިމާރާތުގައި ފްލޫ ކްލިނިކެއް ގާއިމްކޮށްފި އެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނީ ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެއްސުމަށްޓަކައި އެކުވެނި ސަރަހައްދުގައި ހުންނަ ކުރީގެ އެފްއޭއެމް އިމާރާތުގައި ފްލޫ ކްލިނިކެއް ގާއިމުކޮށް އާދިއްތަ ދުވަހުން ފެށިގެން އެތަނުން ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އެ ކްލިނިކުން ޚިދުމަތްދެމުން ދާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:30 އިން ފެށިގެން ރޭގަނޑު 10:00 އަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި މިއީ ހުމާއި، ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތައް ފެންނަ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން ހުޅުވި ކްލިނިކެކެވެ. އެހެންކަމުން ރޯގާގެ އަލާމާތްތައް ފެނިއްޖެނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގެ އަލަށް ހުޅުވި ކްލިނިކަށް ދިއުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މީގެ އިތުރުން ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރެ، ހޮސްޕިޓަލަށް އަތުވެއްޖެ ނަމަ، ހޮސްޕިޓަލުން ބަލި މީހާ ބެލުމުގެ ބަދަލުގައި ފްލޫ ކްލިނިކުން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މި ދުވަސްވަރު ވައިރަލް ރޯގާއެއް މާލެ ތެރޭގައި އަންނަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. ވައިރަލްހުން ފަދަ ބަލިތައް ފެތުރޭ އިރު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.