ގައުމީ ޖޯޝާއެކު ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ހުރިހާ ރައްޔިތުންގެ ފަރާތުން ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ. މިކަން ހާމަކޮށްފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރު ދިނުމަށް ހުރިހާ ރައްޔިތުން އެއްބައިވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވައިލާފައިވާ ކަމަށް ބުނެފައިވެ އެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެފްއޭއެމްގެ ހުރިހާ މުވައްޒަފުން ކުރެއްވި މަސައްކަތަށް ރައީސް ޔާމީން މަރުހަބާ ދަންނަވާ ކަމަށެވެ. އެ ބަޔާނުގައި މި އަހަރުގެ މުބާރާތް ކާމިޔާބުކުރުމަށްޓަކައި ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވަނީ އެދިފަ އެވެ.

"މި 16 ދުވަހަކީ ޤައުމީ ޖޯޝުން ފުރިގެންވާ 16 ދުވަހުގެ ގޮތުގައި ހެދުމަށާއި، އަދި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުން ހޯދާ ކޮންމެ ކާމިޔާބީއަކީ ފަރުދީ ގޮތުން ތިމާގެވެސް ބައިވެރިވުމާއެކު ލިބިގެން ދާ ކާމިޔާބީއަކަށް ހެދުމަށްޓަކައި އެންމެހައި ރައްޔިތުން ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ޤައުމީ ޖޯޝާއެކު ޓީމަށް ހިތްވަރު ދިނުމަށް އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް ދެންނެވީމެވެ." ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"ތިން ވަނަ ފަހަރު މީ އެ ފަހަރު" ކަމުގައި ހެދުމަށް އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން ގައުމީ ޖޯޝާއި ފޯރީގައި ދިވެހި ގައުމީ ފުޓުބޯޅާ ޓީމަށް ހިތްވަރު ދިނުމުގައި ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީ އޮތީ ތައްޔާރަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.