ޖެނީވާ (26 ސެޕްޓެމްބަރު) - މިދިޔަ ހުކުރު ދުވަހު ބޭއްވި އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި އަވަށްޓެރި އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

ވީޑިއޯ މެދުވެރިކޮށް ޖަލްސާގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ އިންޑިއާއަކީ ހައްދުފަހަނައަޅާފައިވާ ގައުމެއް ކަމަށް ވިދާޅުވެ، އިންޑިއާގެ މުސްލިމް އާބާދީ ދަށްކުރުމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އިމްރާން ޚާން އިޝާރާތް ކުރައްވާފައި ވަނީ އިންޑިއާގެ ވެރިކަންކުރާ ބާރަތްޔާ ޖަންތާ ޕާޓީ (ބީޖޭޕީ) އިން މުސްލިމުންނާ ދެކޮޅަށް ގެންގުޅެމުންދާ ސިޔާސަތުތަކަށެވެ. އެގޮތުން އެ ޕާޓީގެ ވެރިކަމުގައި މުސްލިމުންނަށް ކުރާ އަނިޔާތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

އިމްރާން ޚާން އިތުރަށް ވިދާޅުވީ އިންޑިއާއަކީ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ނަގާލަން މަސައްކަތްކުރާ ގައުމެއް ކަމަށާއި އެއީ ސާކް ސަރަހައްދުގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށެވެ.

އާއްމު ގޮތެއްގައި އިންޑިއާއަކީ ޕާކިސްތާނުގެ ތުހުމަތުތަކަށް ޖަވާބު ނުދޭ ގައުމެއް ނަމަވެސް އިމްރާން ޚާން އެ ތުހުމަތުތަކަށް އިންޑިއާގެ މަންދޫބަކު ވަނީ ޚާންގެ ތުހުމަތުތަކަށް ރައްދު ދީފަ އެވެ.

އިންޑިއާގެ އދ. މިޝަންގެ ފަސްޓް ސެކެޓްރަރީ ސްނޭހާ ދުބޭ ވަނީ ޕާކިސްތާނަކީ އަލްގައިދާއަށް ވާގިވެރިވާ ގައުމެއް ކަމަށް ބުނެ އެ ޖަމާއަތުގެ ލީޑަރު އުސާމާ ބިން ލާދިންއަށް ޕާކިސްތާނުން ހިމާޔަތް ދިން ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ކަޝްމީރުގެ މައްސަލައިގައި ވެސް ދެ ގައުމުގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވެ އެވެ. --ދަ ސްޓްރެއިޓް ޓައިމްސް