މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުން ވަނީ ދައުލަތާއި ރައީސް ޔާމީނަށް ދެވޭ ފުރުސަތަށް ފަހު އާ ހެކި ހުށައެޅުމަށް ރައީސް ޔާމީނަށް ފުރުސަތު ދެވޭނެ ކަމަށް ވިދާޅުވެފައި. އަދި އެ ހުރިހާ މަރުހަލާއެއް މި އަޑުއެހުމުގައި ނިންމުމަށް އަމާޒުކުރައްވާފައިވާ ކަމަށާއި، އެގޮތަށް ޝަރީއަތް ހިނގައްޖެ ނަމަ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލައި، ޖަލު ހުކުމް ތަންފީޒްކުރުން ފަސްކުރުމާމެދު ގޮތެއް ނިންމަވާނެ ކަމަށް ބެންޗުން ވިދާޅުވި.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ހުށައެޅުމާމެދު އަންނަ ހޯމަ ދުވަހު ގޮތެއް ނިންމަވާނެ ކަމަށް މައްސަލަ ބައްލަވާ ބެންޗުން މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދަނީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ، އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި، ކްރިމިނަލް ކޯޓުން އެމަނިކުފާނަށް ކޮށްފައިވާ ހުކުމް ތަންފީޒްކުރުން ފަސްކޮށްދިނުމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލާގައި ވަނީ ދެ ފަރާތުން ހުށަހަޅާ ހުށައެޅުންތައް ހުށަހަޅާ ނިންމާލާފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ޖަލު ހުކުމުގެ އެންމެ ދަށް މިންގަނޑެއް ރައީސް ޔާމީނަށް ކަނޑައަޅާއި، ޖޫރިމަނާގެ އެންމެ މަތީ އަދަދު ކަނޑައެޅަފައިވާ ގޮތާމެދު ކުރި ސުވާލަށް ޖަވާބުދެއްވާފަ އެވެ.

މައްސަލަ ބައްލަވާ ރިޔާސަތުން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ދައުލަތުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަނީ ކުރާ ކުށާއި އެކަމުގެ މިންވަރަށް ބަލައިގެން ކަމަށް ބުނެފަ އެވެ. އެގޮތުން މި މައްސަލާގައި ލޯންޑާކޮށްފައިވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށްވާއިރު، ލޯންޑާ ކޮށްފައިވަނީ ގިނަ އަދަދެއްގެ ފައިސާކަން ދައުލަތުން ފާހަގަކުރި އެވެ. އަދި ކުށްކޮށްފައި ވަނީ މާލީ މަންފާއެއް ލިބިގަތުމަށް ކަމަށް ވާތީ އަދަބު ވެސް ކަނޑައެޅުމުގައި މާލީ އަދަބެއް ދިނުމަށް ދައުލަތަށް ގަބޫލު ކުރެވޭ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުން ވަނީ ދައުލަތާއި ރައީސް ޔާމީނަށް ދެވޭ ފުރުސަތަށް ފަހު އާ ހެކި ހުށައެޅުމަށް ރައީސް ޔާމީނަށް ފުރުސަތު ދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހުރިހާ މަރުހަލާއެއް މި އަޑުއެހުމުގައި ނިންމުމަށް އަމާޒުކުރައްވާފައިވާ ކަމަށާއި، އެގޮތަށް ޝަރީއަތް ހިނގައްޖެ ނަމަ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލައި، ޖަލު ހުކުމް ތަންފީޒްކުރުން ފަސްކުރުމާމެދު ގޮތެއް ނިންމަވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހު އެވެ.