އިދިކޮޅު ޕްރޮގްރެސިވް ކޮލިޝަނުން ބާއްވަން އުޅުނު ބޮޑު ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ޕީޕީއެމް/ޕީއެންސީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލު މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ފަށާފައިވާ ހަރަކާތަކީ ރާއްޖޭގެ އިސްތިޤުލާލާއި މިނިވަންކަމާއި އިސްލާމްދީން ނެގެހެއްޓުމަށް ފެށި ހަރާކެއް ކަމަށާއި، އެ ހަރަކާތުގައި ވީހާވެސް ގިނަ އާންމުން ބައިވެރިވުމަށް ދައުވަތު ދެއްވާ ކަމަށެވެ. މިގޮތުން އަންނަ ބުރާސްފަތި ދުވަހު ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް ސުޖާއު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ބާއްވާ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 8:15 ގައި އަލިމަސް ކާނިވާ ސަރަހައްދުގަ އެވެ. އަދި ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ލޯގޯ ތައްގަނޑު ޖެހުމުގެ އިންތިޒާމް ކާނިވާ ސަރަހައްދިގައި ކުރިއަށްދާނެ އެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" މި ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖަލްސާ ބާއްވަން ފުރަތަމަ ނިންމީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެހެންނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އެ ޖަލްސާ ވަނީ ފަސްކޮށްފަ އެވެ.

ފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުން އަންނަނީ އެ ކޯލިޝަނުގެ ހަރަކާތްތައް އިތުރުކޮށްފަ އެވެ.