ގައުމީ ފުޓްބޯޅަ ދަނޑު ބޭނުންވާ ހިދުމަތްތަކާއެކު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފެށުމުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމާ ކުޅުންތެރިންނާއި އޮފިޝަލުންނާއެކު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުކުރުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެއްވެސް ކުޅިވަރެއް ބާކީނުކޮށް ކުޅިވަރުތަކާއި ކުޅިވަރު އިންފްރާސްޓްރަކްޗަތައް ތަރައްގީކުރުމަށް އިސްކަންދެއްވާފައިވާ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް 2021 ގެ ފެށުމުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމާ ކުޅުންތެރިންނާއި އޮފިޝަލުނާއެކު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުކުރުމުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

ގައުމީ ޓީމާ މުހާތަބުކުރައްވައި ރައީސް ސޯލިހު ވަނީ ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ގައުމެއް ކަމަށާއި، ދިވެހިންގެ އުންމީދުތައް ގުޅިފައި ވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ. ދިވެހިން ތިބީ ގައުމީ ޓީމާއެކު ތިންވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕް 2021 ގެ ފެށުމުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމާ ކުޅުންތެރިންނާއި އޮފިޝަލުނާއެކު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުކުރުމުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ވަނީ ކޮވިޑް-19 ގެ ސަބަބުން އެހެން ހުރިހާ ކަމަކަށް އަސަރުކުރި ފަދައިން ފުޓްބޯޅައަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމުގައި ވިދާޅުވެ، މި ލިބުނު ކުޑަ މުއްދަތު ތެރޭގައި ގައުމީ ޓީމު މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމުން އައި އިނާމުގެ ފައިސާގެ އަދަދު މީގެ ކުރިން ބޮޑުކުރައްވާފައިވާކަމުގައި ވިދާޅުވެ، އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާކަމުގައި ވިދާޅުވެފަ އެވެ.

މިއީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާ 13 ވަނަ ފަހަރެވެ. އަދި މީގެ ކުރިން ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ.