ދިވެހި ދައުލަތުގެ ހުރިހާ ބާރެއް މިހާރު އޮތީ އިންޑިއާގެ އަތުގައި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހި ދައުލަތުގެ ހަރު މުދާ އާއި ހުރިހާ ވަސީލަތްތަކެއް މިހާރު އިންޑިއާއަށް ހިބައިން ދީފައިވާ ކަމަށެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލް، އޮލިމްޕަސް، ވެލާނާގެ، މަދަރުސާތައް އިންޑިއާއަށް ރަހުނުކޮށްފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގެ ތެރެއިން

"ދަރުމަވަންތަ ހޮސްޕިޓަލް، އޮލިމްޕަސް، ވެލާނާގެ، މަދަރުސާތައް، އިންޑިއާ ރަހުނު ކޮށްފި، މި ލިސްޓު މިއާ ހިސާބަކުން ނުނިމޭ، މި ކުޑަ މާލޭގައި ހުސް ބިމެއް އޮތިއްޔާ އިންޑިއާއަށް ދީފަ، އިމާރާތެއް އޮތިއްޔާ ވެސް އޮތީ އިންޑިއާއަށް ހިބަ ކޮށްދީފަ،" އަދުރޭ ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަދުރޭ ވިދާޅުވީ ދިވެހި ކަސްޓަމަށް އެތެރެވާ މުދަލާއި ބޭރުވާ މުދަލުގެ ތަފްސީލް ވަގުތުން ވަގުތަށް އިންޑިއާއަށް ލިބޭ ގޮތް ހަދާފައިވާ ކަމަށެވެ. އަދި ދިވެހި ކަނޑުގެ ސަރަހައްދާއި ބިމުގެ ސަރަހައްދުގެ ހުރިހާ ސިއްރުތަކެއް ވެސް އިންޑިއާއަށް ދޫކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނަށް ނޭނގޭ މި ގައުމުގެ ސިއްރުތައް މިއަދު އެނގެނީ އިންޑިއާއަށް. ދިވެހި ކޮންމެ ރައްޔިތަކު ފޯނުން ދައްކާ ވާހަކަ، އިންޓަނެޓުން ކުރާ މުއާމަލާތް ބެލޭނެ އިންތިޒާމު ވަނީ އިންޑިއާގެ އެމްބަސީގައި ހަމަޖައްސައިފައި،" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވަނީ ރާއްޖޭގައި ގާނޫނާ ހިލާފަށް ތިބިކަމަށް އިދިކޮޅުން ބުނާ އިންޑިއާގެ ސިފައިންނާއި ވަސީލަތްތައް ރާއްޖެއިން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

ޕީޕީއެމުން ރޭ ބޭއްވި ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، އެ ޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް ފާޑު ކިޔާފަ އެވެ. މިގޮތުން އިންޑިއާއާއެކު ބާއްވާ ގޮތް ނޭނގޭ ގުޅުމާއި، ދީނަށް ކުރާ ފުރައްސާރައިގެ ކަންކަމުގައި އަޅާނުލާ މައްސަލަ ވެސް ހިމެނެ އެވެ.