ހުސްވެފައިވާ ހެލްތު މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރަން ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ފޮނުވައިފި އެވެ.

ހެލްތު މިނިސްޓްރީގެ ސްލޮޓަކީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ސްލޮޓެކެވެ.

އިތުބާރު ހުރިގޮތަކަށް އެނގިފައިވާ ގޮތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހެލްތު މިނިސްޓަރަކަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވައިފަ އެވެ. އެ ލިސްޓްގައި ހިމެނިވަޑައިގަންނަވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހުސެއިން ރަޝީދު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ޖޭޕީ އަދި ރައީސް އޮފީހުން ވެސް ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގެނައުމުގައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާކަމުގެ ތުހުމަތުގައި އަބްދުﷲ އަމީންގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ހުށަހެޅުމުން އޭނާ ވަނީ އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.