އެކަނިވެރިކަމަކީ ދުންފަތުގެ އިސްތުއުމާލުކުރުމާއި އިސްކޮޅަށް ވުރެ ބަރުދަން އިތުރުވުމުން ހަށިގަނޑަށް ލިބޭ ގެއްލުމަށް ވުރެ މާބޮޑު ގެއްލުމެއް ލިބޭކަމެއް ކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާ ހެދުމުގައި ހަރަކާތްތެރިވެ އުޅުނު އުމުރުން 29 އަހަރުގެ އެލައިސް ގްރޭ ބުނިގޮތުގައި ޚާއްސަކޮށް މި ފުރަބަންދުގެ ތެރޭގައި އެކަނިވެރިކަމުން މީހުންނަށް ލިބޭ ގެއްލުން މާބޮޑުވެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ އެކަނިވެރިކަމަކީ އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާކަމެއްގެ ގޮތުގައި ދެކެވިފައި އޮތް ނަމަވެސް އެއީ ޒުވާނުންގެ ތެރޭގައި ވެސް އާއްމުވަމުންދާ ކަމެއް ކަމަށެވެ.

ނިއުރޯ ސައިންޓިސްޓެއް ކަމަށްވާ އެލައިސް ބުނިގޮތުގައި އެކަނިވެރި ދިރިއުޅުމެއް އުޅޭ މީހުންނަށްވުރެ ނަފްސާނީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށާއި އެއީ ޖިސްމާނީ ސިއްހަތަށް ވެސް ނުރައްކާ ބޮޑުކަމެއް ކަމެކެވެ.

މި ދިރާސާއިން ދައްކާގޮތުގައި ފުރަބަންދު ތެރޭގައި އެކަނި އުޅުނު ޒުވާނުން އިޖުތިމާއީ ކަންކަމުގައި އުޅެން ބޭނުންވާ މިންވަރު އެ ނޫން ޒުވާނުންނަށް ވުރެ އިތުރުވެފައިވެ އެވެ.

މިކަމުގެ ހައްލެއްގެ ގޮތުގައި އެލައިސް ލަފާދިނީ އެކަނިވެރިކަމުން ބޭރުވެ އިޖުތިމާއީ ގުޅުން އާލާކުރުމަށެވެ. އަދި މި ފުރަބަންދުގެ ހާލަތުގައި ވެސް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރިންނާއި ގުޅުން ބަދަހި ކުރުމަށެވެ.

ދުނިޔޭގެ ގިނަ ގައުމު ތަކުގައި ކޮވިޑްގެ ހާލަތު ރަނގަޅު ވަމުންދާއިރު އަޅާފައިވާ ފިޔަވަޅުތަކަށް ދެވޭ ލުއިތަކުގެ ދަށުން އިޖުތިމާއީ ކަންކަމުގައި ގިނައިން ބައިވެރި ވުމަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިންމު ކަމެކެވެ.