ޖަޕާނު ސަރުކާރުން ރާއްޖެއަށް ތިން މިލިއަން ޑޮލަރު (46.2 މިލިއަން ރުފިޔާ)ގެ އެހީއެއް ދީފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައި އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މިއަދު ޖަޕާން ސަރުކާރުގެ ފަރާތުން ފޯރުކޮށްދިން އެހީއަކީ ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ފޯރުކޮށްދިން އެހީއެއް ކަމަށެވެ. އެގޮތުން މިއެހީގެ ތެރެއިން ރަށްރަށަށް ޒަމާނީ ސީ އެމްބިއުލާންސް ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ހަލީލް ވިދާޅުވީ ކޮވިޑާ ގުޅިގެން ސީ އެމްބިއުލަންސްގެ މުހިއްމުކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މިފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން ބަލި މީހުން އެއް ރަށުން އަނެއް ރަށަށް ގެންދިއުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ސިއްހީ ދާއިރާގައި ބޭނުންކުރާ ތަކެތިވެސް މަދުވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ވެސް ހަލީލް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޖަޕާން އަކީ އަބަދުވެސް ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްކަން ފާހަގަކޮށް އެގައުމަށް ހަލީލް ޝުކުރު އަދާކުރި އެވެ.