މިހާރަކަށް އައިސް ކުޑަ ކުދިންނަށް ލިބޭ ހުސް ވަގުތުތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މި ހުސް ވަގުތުތަކުގައި އެކުދިން ޓީވީ، ފޯން ނުވަތަ ޓެބްލެޓާއެކު ހޭދަކުރާ ވަގުތު ނުވަތަ ސްކްރީން ޓައިމް މަދުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެ ގޮތުން ކުޑަކުދިން ސްކްރީންތަކާ ދުރުކުރެވިދާނެ ބައެއް ގޮތްތަކަށް ބަލާލާނަމެވެ.

ސްކްރީން ޓައިމްއަށް ވަކި ވަގުތެއް ކަނޑައެޅުން

އެންމެ ފުރަތަމަ ކަމަކަށް އެކުދިން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާނެ ހާއްސަ ވަކި ވަގުތެއް ކަނޑައަޅާށެވެ. ދުވާލުގެ ކޮންމެ ވެސް ގަޑިއެއް އެކަމަށް ހާއްސަ ކުރާށެވެ. އަދި އެ ވަގުތަށް ކަމޭހިތަން ކުދިންނަށް ވިސްނައިދީ ހަރުކަށިކަމާއެކު ސްކްރީން ޓައިމް ބަލަހައްޓާށެވެ.

ހެލިފެލިވެ އުޅެވޭނެ ހަރަކާތްތައް އިތުރު ކުރުން

ގޭގައި ހުރެގެން ވެސް ހެލިފެލިވެ ކުރެވޭނެ ހަރަކާތްތަކެއް ހުންނާނެ އެވެ. ނެށުމާއި ކަސްރަތުކުރުން ފަދަ ކަންކަން ކުރުމަށް އެކުދިންނަށް ހިތްވަރުދޭށެވެ. އަދި އެ ކަންކަމުގައި އެ ކުދިންނާއެކު ބައިވެރިވާށެވެ.

ކުދިންނާއެކު ހޭދަކުރާ ވަގުތު އިތުރު ކުރުން

ތިބާގެ ބުރަ ދިރިއުޅުމުން ވީހާ ވެސް ގިނަ ވަގުތު ދަރިންނަށް ހާއްސަކުރާށެވެ. އެކުދިންނާ ވާހަކަ ދައްކާ މިހާރުގެ ހާލަތާ ބެހޭ ގޮތުން ހޭލުންތެރި ކުރުވާށެވެ. އެއީ އުފާވެރި އަދި މަޖާ އާއިލީ ވަގުތުކޮޅަކަށް ހަދާށެވެ.